ޔޫއެއާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ އެތްލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗްގައި ޗިޗަރީޓޯ ހެނާންޑޭޒް ކާމިޔާބު ކުރި ހަމައެކަނި ލަނޑުން މޮޅުވެ ރެއާލް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މެޑްރިޑްގެ ސެންތިއާގޯ ބެރަބިއު ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ޗިޗަރީޓޯ ލަނޑު ކާމީޔާބު ކުރީ ޕޯޗްގަލްގެ ކްރިސްތިއާ ރޮނާލްޑޯ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. ޗިޗަރީޓޯ މިލަނޑު ކާމިޔާބު ކުރީ ދެވަނަހާފްގެ 42 ވަނަ މިނެޓް ތެރޭގައެވެ.

ރޭގެ މެޗްގައި ޗިޗަރީޓޯ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗްގައި އެތްލެޓިކޯއިން ރެއާލަށް ބާރުބޮޑު ކުރަމުން ދިޔަ ނަމަވެސް ރެއާލްއިން މެޗްގެ ކޮންޓްރޯލް ހޯދީ، ރޭގެ މެޗްގައި ރޮނާލްޑޯ ހިފެހެއްޓުމަށް ހުރި މިޑްފީލްޑަރ ތުރުކީ އަރުދާ ތުރާނަށް ރަތްކާޑު ދެއްކުމުންނެވެ.

ތުރާނަށް ރަތްކާޑު ދެއްކީ ރޭގެ މެޗްގައި ރެއާލްގެ މެދުތެރެ ބަލަހައްޓަން ހުރި ސާޖިއޯ ރޯމާސްއަށް ކުރި ފައުލަކާ ގުޅިގެންމެޗްގެ 30 ވަނަ މިނެޓްގައެވެ.

މިމެޗުން މޮޅުވުމުން ރެއާލްވަނީ ޖެހިޖެހިގެން ފަސް ސީޒަންގައި މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މިސީޒަންގެ ސެމީފައިނަލަށް ރެއާލް ދަތުރުކުރުމުން އެޓީމް ވަނީ 31 ވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ގަދަހަތަރުގެ ޓީމްގެތެރޭގައި ހިމެނިފައެވެ. ވާދަވެރި ބާސެލޯނާ ގަދަ ހަތަރުޓިމްގެ ތެރޭގައި ހިމެނިފައިވަނީ 30 ފަހަރަށެވެ. ބާސެލޯނާގެ ފަހަތުން ތުންވައިގައި ބަޔާން މިޔުނިކް ހިމެނިފައިވަނީ 25 ފަހަރަށެވެ. ޖުވެންޓަސް 22 ފަހަރު މުބާރާތުގެ އެންމެ ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނިފައިވެއެވެ.

ރޭ ރެއާލް މެޑްރިޑާ އެތުލެޓިކޯ ބައްދަލު ކުރިމެޗްގެ ތެރެއިން ---- ފޮޓޯ/ އޭޕީ

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އިޓަލީގެ ކާލޯ އެންޗޮލެއްޓީ ބުނީ މިމެޗްގައި އެތުލެޓިކޯގެ ފަރާތުން ފެނިފައިވަނީ ވަރަށް ވަރުގަދަ ކުޅުމެއްކަމަށާއި އެޓީމުގެ ފަރާތުން ފެނުނު ކުޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.

މިމެޗްގައި ލަނޑުޖެހި ޗިޗަރީޓޯއާ ބެހޭގޮތުން އެންޗޮލެއްޓީ ބުނީ ޗިޗަރީޓީއަކީ ޓީމަށްމުހިންމު ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް މަރުހަބާ ކިޔުން ހައްގުކަމަށެވެ.

ރޭގެ މެޗްގައި ލަނޑި ޖެހުމަށްފަހު ޗިޗަރީތޯ އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

އެތުލެޓިކޯގެ ކޯޗް އާޖެންޓީނާގެ ޑިއޭގޯ ސިމިއޭނޯ ބުނީ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި މުޅި ޓީމްގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެއް ކަމަށެވެ.

ރެއާލް ވަނީ ދިހަ ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.

ރޭ ޗެމްޕިއަންސް ލީގުގެ ސެމިފައިނަލް ދެވަނަ މެޗްގައި އިޓަލީގެ ޔުވެންޓަސްއާ ފްރާންސްގެ މޮނާކޯ ބައްދަލު ކުރިމެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ނަމަވެސް އޭޕްރީލް 14 ގައި މިދެޓީމް ބައްދަލު ކުރި ފުރަތަމަ ލެގް ސެމީފައިނަލް މެޗް 1-0 ގެ ނަތީޖާ އަކުން ޔުވެންޓަސް މޮޅުވެފައިވުމުން އެޓީމް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޭގެ ޖުވެންޓަސްއާ މޮނާކޯ ބައްދަލު ކުރިމެޗަށް ފަހު ޖުވެސްޓަސްގެ ކުޅުންތެރިން އުފާކުރަނީ މިމެޗް އެއްވަރުވެގެން ނިމުނުއިރު އެޓީމް ސެމީއަށް ދަތުރުކުރީ ފުރަތަމަ ލެގުން މޮޅުވުމުން ---- ފޮޓޯ/ އޭޕީ