ރިޔާޒް (އެޕްރީލް 23): ސައޫދީ އަސްކަރީ މަތިންދާ ބޯޓުތަކުން ޔަމަންގެ ދެކުނުގައިވާ ހޫޘީންނަށް އަނެއްކާވެސް ވައިގެ ޙަމަލާތަކެއް ދީފި އެވެ.

މި ޙަމަލާތައްދިންކަން ސައޫދީ ރަސްމީ މީޑިޔާއިން ކަށަވަރުކޮށް ދީފައިވާއިރު އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވަނީ ސައޫދީންގެ ޙަމަލާތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ. ބާންކީ މޫން ވިދާޅުވީ ޔަމަންގެ މަސްރަހު ހޫނުވާފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގުމަކީ ދެރަކަމެއް ކަމުގަ އެވެ. އަދި ޙަމަލާތައް އަލުން ނުފެށުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރައްވާ ކަމުގަ އެވެ. ސައޫދީ އަރަބިޔާ އިސްކޮށްއޮވެގެން ޔަމަނަށް ދެމުންގެންދިޔަ ވައިގެ ޙަމަލާތައް ހުއްޓާލިކަން ސައޫދީ ސަރުކާރުން ރަސްމީކޮށް އިޢްލާންކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު އެވެ. ޙަމަލާތައް ހުއްޓާލިކަން އިޢްލާން ކުރުމަށްފަހު ޔަމަންގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ސިޔާސީ މަސައްކަތްތަކެއް ކުރިޔަށްގެންދާނެކަންވެސް ސައޫދީ ސަރުކާރުން ހާމަކޮށްފައިވެ އެވެ.

އަނެއްކޮޅުން ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ހޫޘީ ހަނގުރާމަވެރިންނާއި އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ފަރާތްތައް ކާމިޔާބު ހޯދަމުން ގެންދާނަމަ އެފަރާތްތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދޭނެކަމުގެ އިންޒާރު އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު އާދިލް އަލްޖުބައިރު ދެއްވައިފިއެވެ. ވޮޝިންޓަންގައި ދެއްވި ބަޔާނެއްގައި ޖުބައިރު ވިދާޅުވީ ހޫޘީންނާއި އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ފަރާތްތައް ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ތާއީދުކުރާ ފަރާތްތަކުގެ މައްޗަށް އަސްކަރީގޮތުން ކުރިހޯދާނަމަ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލާފައިވާ ކޯލިޝަނުން އެކަން ހުއްޓުވުމަށް އަސްކަރީ ބާރު ބޭނުންކުރާނެކަމުގައެވެ.

ޖުބައިރު މިހެން ވިދާޅުވެފައިމިވަނީ ޔަމަންގެ އެންމެ ބޮޑު ކަނޑުގެ ބަނދަރުކަމަށްވާ އަދަންގެ ބަނދަރު ހިފުމަށް އެއްގަމުމަގުން ކުރަމުން ގެންދާ ހަނގުރާމައިގާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ތާއީދުކުރާ ގަބީލާ ހަނގުރާމަވެރިންގެ މައްޗަށް ހޫޘީންނާއި އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ފަރާތްތައް ކާމިޔާބު ހޯދަމުން ގެންދާކަމުގެ ޚަބަރުތައް ފެތުރި ފައިވަނިކޮށެވެ.

ސައޫދީން ތިންހަފްތާ ވަންދެން ޔަމަނަށް ދިން ޙަމަލާތަކުންވެސް ހޫޘީ ހަނގުރާމަވެރިންނާ އަދި ކުރީގެރައީސް އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ފަރާތްތައް ބަލިކުރެވިފައިވާ ކަމަށް ސައޫދީ އަސްކަރީ ތަރްޖަމާން އަހްމަދުލްއުސައިރީ ވިދާޅުވެފައިވެއެވެ. ނަމަވެސް ހޫޘީންނާއި ސާލިޙްގެ ބާރުތައް އަދަންގެ ބަނދަނރު ހިފަން މަސައްކަތް ކުރާއިރު ސައޫދީ އަރަބިޔާއިން ޙިމާޔަތް ހޯއްދަވައިގެން ހުންނެވި ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ތާއީދުކުރާ ގަބީލާތަކުގެ ހަނގުރާމަވެރިން ފަހަތަށްޖެހެމުންދާކަމަށް މުރާސިލުން ބުނެއެވެ.

އަދި ސައޫދީންގެ ޙަމަލާތަކަށްފަހުވެސް ޔަމަންގެ ވެރިރަށް ސަންއާ އޮތީ އަބްދު ރައްބު މަންސޫރު ހާދީ އެނބުރި ގައުމަށް ވަޑައިގެން ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވޭފަދަ ޙާލަތެއްގައި ނޫން ކަމަށާއި ސަންއާގެ ކޮންޓްރޯލް ހާދީއަށް ތާއީދުކުރާ ގަބީލާ ހަނގުރާމަވެރިންނަށް ނެތް ކަމަށް ރޮއިޓާސް ބުނެއެވެ. (ރޮއިޓާސް)