ޖެންޑާ މިނިސްޓްރީ ހިންގުން ބުރުޒުމަގުގައި ހުންނަ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ބިލްޑިން އަށް މިއަދު ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީ މީގެ ކުރިން ހިންގަމުން އައީ ހުރަވީ ބިލްޑިންގެ ގްރައުންޑް އަދި އެއްވަނަ ފްލޯގަ އެވެ. ނަމަވެސް މިހާރު އެ މިނިސްޓްރީ ވަނީ ޝީ ބިލްޑިންގެ ހައެއް އަދި ހަތް ވަނަ ފްލޯއަށް ބަދަލުކޮށްފަ އެވެ.

އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަހުމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ މީގެ ކުރިން ހުރަވީ ބިލްޑިންގައި ހިންގަމުން އައި ޖެންޑާ މިނިސްޓްރީ ހިންގުން ޝީ ބިލްޑިންގަށް ބަދަލުކޮށްފައި ވަނީ ސަރުކާރުން އެގޮތަށް ނިންމެވުމުން ކަމަށެވެ.

ސައީދު ވިދާޅުވީ މިނިސްޓްރީ ހިންގަމުން އައި އިމާރާތް ބަދަލުވި ނަމަވެސް އެ މިނިސްޓްރީ އިން ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ކަމަށެވެ.

އެގޮތުން ކުރިން ހުރި އޮފީހުގައި ދެމުން އައި ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން ލިބޭނީ ޝީ ބިލްޑިން އިން ކަމަށް ސައީދު ވިދާޅުވި އެވެ.