23 Apr 2015, 09:31
ބިދޭސީން ކައުންޓަރުތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރާ ތަންތަން ހިންގުން ނުހުއްޓުވާ ނަމަ ވިޔަފާރި ހުއްދަ ބާތިލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވިޔަފާރިތަކަށް އަންގަން ފަށައިފި އެވެ.
ދެހާސް އަށް ވަނަ އަހަރުން ފެށިގެން ވިޔަފާރިތައް ރަނގަޅަށް މޮނީޓާ ކޮށްފައި ނުވާތީ ވިޔަފާރިތައް ހަމަމަގަށް އެޅުވުމަށް އިކޮނޮމިކް މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ސަން އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ އެ މިނިސްޓްރީ އިން މާލޭގެ 174 ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 29 ތަނެއްގެ ކައުންޓަރުތަކުގައި އަދި ވެސް ތިބީ ބިދޭސީން ކަމަށް އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ފިހާރަތައް ފާހަގަވުމުން އެކަން ރަނގަޅުކުރުމަށް ހަތް ދުވަހުގެ ނޯޓިސްއެއް ދެމުން އަންނަ ކަމަށާއި އެވަރުން ރަނގަޅުނުކޮށްފި ނަމަ 1000 ރުފިޔާ އާއި 10000 ރުފިޔާއާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރަމުން އަންނަ ކަމަށެވެ. އެވަރުން ވެސް ރަނގަޅު ނުކޮށް ފިނަ ހުއްދަ ބާތިލުކޮށްގެން ވެސް އެކަން ތަންފީޒު ކުރާނެ ކަމަށް އާދަމް ވިދާޅުވި އެވެ.
"ދީފައިވާ މުއްދަތުގެ ތެރޭގައި ކަންކަން އިސްލާހު ނުކޮށްފި ނަމަ އިކޮނޮމިކް މިނިސްޓްރީގެ ގާނޫނު ތަންފީޒް ކުރުމަށް ޓަކައި އަޅުގަނޑުމެން ގާނޫނާއި ގަވައިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" އާދަމް ވިދާޅުވި އެވެ. "ތަކުރާރުކޮށް އެކަންކަން އިސްލާހުނުކޮށްފި ނަމަ ހުއްދަ ބާތިލު ކުރާ ހިސާބުގައި އަޅުގަނޑުމެން އެކަންތައް ތަންފީޒު ކުރާނެ އިކޮނޮމިކް މިނިސްޓްރީ އިން،"
އާދަމް ވިދާޅުވީ މިނިސްޓްރީ އިން ބެލި ފިހާރަތަކުގެ ތެރެއިން ނުވަ ފިހާރައަކީ ރޭ ގަނޑު 10:00ގެ ފަހުން ވެސް ބަންދުކުރާ ތަންތަން ނޫން ކަމަށާއި އެތަންތަން ވެސް އިސްލާހު ކުރުމަށް ނޯޓިސް ފޮނުވަމުން އަންނަ ކަމަށެވެ. އަދި އަގު ނުޖަހާ ތަކެތި ވިއްކާ ތަންތަން ވެސް ފާހަގަ ކުރެވިފައިވާ އިރު ހަތް ދުވަހުގެ ތެރޭގައި އެކަންކަން އިސްލާހު ނުކޮށްފި ނަމަ 500 ރުފިޔާ އާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީ އިން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް މާލޭގެ ފިހާރަތައް އެކި ދުވަހުގެ މަތިން ބަލައި ފާސް ކުރަމުންދާ އިރު އަތޮޅު ތެރޭ ފިހާރަތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އާދަމް ވިދާޅުވި އެވެ.