އެއްގަމު އުޅަނދު ދުއްވާ އިރު، ހެޑް ސެޓް އަޅައިގެން ވެހިކަލް ދުއްވުން މަނާ ކުރާ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ހަމައެކަނި ބުނެފައި ވަނީ ވެހިކަލް ދުއްވަމުން މޯބައިލް ފޯނު ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވަން އިންނަ މީހާ މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުން ކުރާ އެއްވެސް މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމަކީ މަނާ ކަމެކެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ ހެޑްސެޓް އަޅައިގެން ދުއްވުމާއި ޓީވީ ބަލަމުން ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވީޑިއޯ ބަލަމުން ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެހެން ފަރާތަކަށް އަޑުއިވޭ ވަރަށް ބާރަށް ލަވަ ޖެހުމާއި އަޑުގަދަ ކުރާ ބޭނުން ކުރަމުން ވެހިކަލްތައް ދުއްވުމަކީ ވެސް މަނާ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ހާއްސަ އިވެންޓަކާ ގުޅިގެން ވެހިކަލެއްގައި ލަވަޖެހުމާއި އަޑުގަދަ ކުރާ ބޭނުން ކުރަން ޖެހޭނީ ހުއްދަ ހޯދައިގެން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. އެ ހުއްދަ ނަގަން ޖެހޭނީ އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލުމަށް ޓަކައި އެ ވަގުތުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަކުން ކަމަށް ވެސް އެ ބިލުގައިވެ އެވެ.

އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކަށާއި ކެމްޕެއިންތަކާ ގުޅިގެން މާލޭގެ މަގުތަކުގައި ޕިކަޕުތަކުގައި ލަވަ ޖަހައި އެންގުންތައް އަޑުގަދަ ކުރާއިން ހާމަ ކުރެވޭނީ ހުއްދައެއް ނަގައިގެންނެވެ.

މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ރޯޑް ސޭފްޓީ ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލްގެ މަގުސަދަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި ޕޮލިސީތަކާއި ސިޔާސަތުތައް ކަނޑައެޅުމެވެ. އެ ކައުންސިލްގެ ހިމެނެނީ ޓްރެފިކް ފުލުހުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޭފުޅަކާއި ހެލްތު މިނިސްޓްރީގެ ބޭފުޅަކާއި މަގުހެދުމާއި އިމާރާތް ކުރުމާއި ޕްލޭން ކުރުމުގެ ކަންތައްތައް ބަލަހައްޓާ ވުޒާރާގެ ބޭފުޅަކާއި ބަންޑާރަ ނައިބު އޮފީހުގެ ވަކީލަކާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅަކާއި އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބަލަހައްޓާ ވުޒާރާގެ ބޭފުޅެކެވެ. ރޯޑް ސޭފްޓީ ކައުންސިލް ހިންގާނީ އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލުމަށްޓަކާ އެ ވަގުތުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަކުންނެވެ.