23 Feb 2011, 19:12
އަތޮޅު ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނަށް އަތޮޅު އޮފީސްތަކުގެ ޒިންމާދާރު ވެރިން، އަދި ރަށު ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނަށް ރަށު އޮފީސްތަކުގައި ތިއްބެވި ޒިންމާދާރު ވެރިން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމައްޖައްސައިފި އެވެ.
ހަމަ އެ އުސޫލުގެ މަތިން މިހާރު މާލޭ މުނިސިޕަލްޓީގެ ޒިންމާދާރު ވެރިޔާއަކީ މީގެ ފަހުން މާލޭ ސިޓީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ ކަމަށާއި އައްޑޫ ސިޓީ ކައުންސިލް ޒިންމާދާރު ވެރިޔާއަކީ މިހާތަނަށް އައްޑު އަތޮޅު އަތޮޅު އޮފީހުގައި ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ފަރާތް ކަމަށް ވެސް ސީއެސްސީން ވަނީ ހަމަޖައްސާފަ އެވެ.
ކޮމިޝަނުން ބުނީ ޒިންމާދާރު މި ވެރިންނަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބަޔާންކުރާ ގޮތުގެ މަތީން ކައުންސިލުތަކުގެ މަޝްވަރާއާއެކު އެ ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު ހަމަޖެހި، އެ އޮނިގަނޑުތަކުގެ މަގާމުތަކަށް މީހުން ހަމަޖެހުމާ ހަމައަށް ޒިންމާދާރު ވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކެއް ކަމަށެވެ.
"... އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ އިދާރާތަކަށް ޒިންމާދާރު ވެރިންގެ ގޮތުގައި ހަމަޖެހިފައިވާ ފަރާތްތަކުން އެ އިދާރާތަކުގެ އެންމެހާ އިދާރީ ކަންތައްތައް އިސްވެ ބެލެހެއްޓުމާއި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވެ ގާނޫނާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ،" މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމު ކުރެއްވެވި ސާކިއުލާއެއްގައި ވެއެވެ.
ސީއެސްސީގެ ސާކިއުލާގައި ބުނަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 129 ވަނަ މާއްދާގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ޒިންމާދާރު ވެރިޔާ ކޮމިޝަނުން އައްޔަން ކުރަންވާނެ ކަމަށާއި ކައުންސިލްގެ އެންމެހާ އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ އެ މުވައްޒަފަކު ކަމަށް ބަޔާންކޮށްފައވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން މިނިސްޓްރީތައް ފިޔަވައި ސަރުކާރުގެ އެހެން މަސްއޫލު އޮފީސްތަކަށް ޒިންމާދާރު ވެރިޔާގެ ގޮތުގައި ކޮމިޝަނުން މުވައްޒަފަކު އައްޔަން ކުރަންޖެހޭ ހިނދު އިދާރީ ދާއިރާތަކުގެ ގާނޫނުގެ 130 ވަނަ މާއްދާގެ (ށ) ގައި އެ ގާނޫނުނަށް އަމަލު ކުރަން ފަށާއިރު އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތަކާއި އަވަށު އޮފީސްތަކާއި މާލޭ މުނިސިޕަލްޓީގައި ތިބި ސިވިލްސާވިސް މުވައްޒަފުން ކައުންސިލްތައް އުފެދޭ ވަގުތުން ފެށިގެން އެ އިދާރާތަކުގެ މުވައްޒަފުންނަށް ބަދަލުވެގެންދާނެ ކަމަށް ބަޔާންކޮށްފައިވާތީ ސީއެސްސީން ޒިންމާދާރު ވެރިން ކަނޑައެޅުމަށް އަމަލު ކުރަމުން އަންނަ ގަވައިދާ އެއްގޮތަށް ޒިންމާދާރުވެރިން ލެއްވީ ކަމަށް ވެސް ބުނެފައި ވެއެވެ.