23 Apr 2015, 09:07
އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުން ކުރާ ޖޫރިމަނާ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުން ކުރާ ޖޫރިމަނާ ބޮޑު ކުރަން މަޖިލީހަށް ބިލް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. އޭނާ ހުށަހެޅުއްވި ބިލަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 53 އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވައިގެން، ފުރަތަމަ ފަހަރަށް ހިފަހައްޓައިފި ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރަން ޖެހެ އެވެ. ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އެ ޖޫރިމަނާގެ އަދަދު އަރަނީ 500 ރުފިޔާ އަށެވެ. ގަވާއިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވައިގެން ދެ ވަނަ ފަހަރަށް ފުލުހުން ހިފަހައްޓައިފި ނަމަ އެ މީހަކު 1،500 ރުފިޔާއިން ޖޫރިމަނާ ކުރަންޖެހޭނެ ކަމަށް މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބާރު ސްޕީޑުގައި ދުއްވައިގެން ހިފަހައްޓާ ދެ ވަނަ ފަހަރު ޖޫރިމަނާ ކުރަންޖެހެނީ 750 ރުފިޔާއިންނެވެ. ބިލުގައި ބުނެފައިވާ ގޮތުން ބާރު ސުޕީޑުގައި ދުއްވައިގެން ހިފަހައްޓާ ތިން ވަނަ ފަހަރު 2،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހެ އެވެ. އަދި ދެ ވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު އެފަދަ ފަރާތެއްގެ ލައިސަންސް ތިން މަސް ދުވަހަށް ހިފެހައްޓަން ބިލުގައި ލާޒިމްކޮށްފައިވެ އެވެ.
އެއްގަމު އުޅަނދު ރަޖިސްޓްރީނުކޮށް ދުއްވުމާއި ރަޖިސްޓްރީ ބާތިލްވެފައިވާ އުޅަނދެއް ދުއްވުމުން 750 ރުފިޔާއިން ޖޫރިމަނާވާނެ ކަމަށް މޫސަ ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތް ވެސް 750 ރުފިޔާ އިން ޖޫރިމަނާ ވާނެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރަޖިސްޓްރީ ނުކޮށް އުޅަނދެއް ދުއްވުމުން ޖޫރިމަނާ ވާނީ 500 ރުފިޔާއިންނެވެ.
ރަޖިސްޓްރީ ނަމްބަރު އޮޅުވާލައިގެން، ވަގު ނަމްބަރެއް ޖަހައިގެން އެއްގަމު އުޅަނދެއް ދުއްވައިފި ނަމަ އެ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ބިލުގައި ލާޒިމްކޮށްފައިވެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ފުލުހަކު ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި އުޅޭ އިރު މަގުމަތީގެ އަދަބުތައް ދެމެހެއްޓުމަށް އާންމުނަށް ބާރު އެޅުމުގެ ބާރު ދީފައިވެ އެވެ. އެގޮތުން ފުލުހަކު ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި އުޅޭ އިރު ގާނޫނާ ހިލާފަށް އަމަލު ކުރާތަން ފެނިއްޖެ ނަމަ އެ ފަރާތެއް ހުއްޓުވައި ފުލުހެއްކަން އަންގައިދޭ ކާޑު ދައްކައި އުޅަނދާއި ޑްރައިވިން ލައިސެންސް ޗެކްކޮށް އުޅަނދުގެ ރަޖިސްޓްރީއާ ގުޅޭ ލިޔުންތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ބިލުގައި ފުލުހުންނަށް ދީފައިވެ އެވެ.
އެކްސިޑެންޓަކާ ގުޅިގެން ފުލުހުންނަށް މީހެއްގެ ލައިސަންސް ހިފެހެއްޓެނީ 48 އިރަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ވަގުތު އިތުރު ކުރަން ބޭނުންނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ނުރައްކާތެރި ގޮތަކަށް އަމާންކަން ގެއްލޭ ގޮތަށާއި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވާނަމަ އެފަދަ ބަޔަކު ހިފަހައްޓައި ދުއްވި ބަޔަކު ފުރަތަމަ ފަހަރު 2،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ބިލުގައި ވަނީ ބުނެފަ އެވެ. އަދި ދެ ވަނަ ފަހަރު އެފަދަ ފަރާތެއް ހިފަހައްޓައިފިނަމަ 3،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެއަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 4،000 ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހުގެ މުއްދަތައް ލައިސެންސް ހިފަހައްޓަން ބިލުގައި ވަނީ ބުނެފަ އެވެ.
ލައިސެންސް ނުނަގައި އެއްގަމު އުޅަނދެއް ދުއްވައިފި ނަމަ ފުރަތަމަ ފަހަރުނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ބިލުގައި ބުނެފައިވެ އެވެ. އަދި ދެ ވަނަ ފަހަރު 1،500 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި ތިން ވަނަ ފަހަރު 2000 ރުފިޔާ އިން ޖޫރިމަނާކޮށް އެއް މަސް ދުވަހަށް އުޅަނދު ހިފެހެއްޓުމަށް ބިލުގައި ބުނެފައިވެ އެވެ. ތިން ވަނަ ފަހަރު ލައިސެންސް ނުނަގައި އުޅަނދެއް ދުއްވައިފި ނަމަ ޖިނާއި ދައުވާ އުފުލަންޖެހޭނެ ކަމަށް ލާޒިމްކޮށްފައިވާ ބިލުގައި ބުނެފައިވާ ގޮތުން ކުޑަކުއްޖަކު އެއްގަމު އުޅަނދެއް ދުއްވައިފިނަމަ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރަންޖެހެ އެވެ.
މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ދުވާރު މަތީގައި މުދަލާއި ތަކެތި ބަހައްޓާ މީހުން 750 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.