ގާނޫނީ ފުށު އެރުންތަކެއް ހުރުމުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސިއްހީ ހިދުމަތުގެ މަސައްކަތްތެރިންގެ ބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ މަޝްވަރާއަށް އެދެންޖެހޭ ކަމަށް އިޖުތިމާއީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

އިޖުތިމާއީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ބިލުގައި ހިމެނޭ ނުކުތާއަކާ ގުޅޭ ގޮތުން ގާތްގަނޑަކަށް ގަޑިއެއްހާއިރު ބަހުސް ކުރައްވައި އެ ނުކުތާއާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި އެވެ. ނަމަވެސް އެ ނުކުތާއަށް ވަނީ ގޮތެއް ނުނިމިފައި އެވެ.

އެގޮތުން މެމްބަރުން ރޭ މަޝްވަރާ ކުރަމުން ދިޔައީ އެ ބިލުގެ 89ވަނަ މާއްދާގެ (ނ) އަށެވެ. އެ މާއްދާ އަކީ ކައުންސިލަށް ބަޖެޓު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވާ މާއްދާ އެވެ.

އެ މާއްދާގައި ގައި ބުނެފައި ވަނީ ކައުންސިލުގެ ބަޖެޓަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާ ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން ކައުންސިލަށް ދޫކުރަންވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ކައުންސިލްގެ ބަޖެޓުގައި ހިމެނުމަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާގެ އަދަދު ކައުންސިލުން ފާސްކޮށް ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި މާލިއްޔަތު ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ވާނެ ކަމަށެވެ.

ކޮމިޓީ ނިންމާލައްވަމުން ކޮމިޓީގެ މުގައްރިރު އަދި ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ އެ ބިލަށް އިތުރަށް އަހުލުވެރިވުމަށާއި ބިލު އިތުރަށް ދިރާސާ ކުރެއްވުމަށް ވަގުތު ބޭނުންވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނާ އެކު ވެސް ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ ވިދާޅުވީ މިފަދަ ބޮޑު ބިލެއް ހުށަހެޅިގެން ދިޔައިރު އެޓާނީ ޖެނެރަލްގެ އޮފީހުން ބަލަންޖެހޭ ވަރަށް ނުބަލާ ފޮނުވާލާފައި ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އޭޖީ އޮފީހުގައި ގާނޫނީ ގޮތުން ފުންނާބު އުސް ފަރާތްތައް ތިއްބެވިއިރު އެއަށް ވުރެއް ރަނގަޅަށް ބިލް ދިރާސާ ކޮށްލެވުނީ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ބިލު ހުށަހެޅުއްވީ ރާއްޖޭގެ ސިއްހީ ހިދުމަތަކީ އާންމުން އިހުތިރާމު ކުރާ އަދި އާންމުން އިތުބާރުކުރާ ހެދުމަށްޓަކައި ކަމަށެވެ.

މި ބިލުގެ ފަސް ވަނަ ބާބުގައި ބުނެފައި ވަނީ ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "މޯލްޑިވްސް މެޑިކަލް އެންޑު ޑެންޓަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ. އިތުރަށް ބިލުގައި ބުނެފައި ވަނީ މިހާރު ހިންގަމުން އަންނަ މެޑިކަލް ކައުންސިލުގައި ބޭނުން ކުރަމުން ގެންދިޔަ އެންމެހާ މުދަލާ ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެކަންކަން އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެކައުންސިލްގެ ޒިންމާތަކާ ވާޖިބުތައް ލިބުމާއެކު ކައުންސިލް އުފެދުނީ ކަމަށެވެ.