އައްޑޫ ސިޓީ ހިތަދޫ ގެއަކުން ފަސް ފޫޓު ބަޔަށްވުރެ ދިގު ހަރުފައެއް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ، ސިވާރުގޭ ގޯތިތެރޭން ދިގުމިނުގައި 5 ފޫޓު 7 އިންޗި ހުރި އެ ހަރުފަ ފެނިފައި ވަނީ މިރޭ 9:30 ހާއިރު ކަމަށެވެ.

ސިވާރުގޭ ގޯތިތެރޭގައި ހަރުފައެއް އޮތް ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް މަޢުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަޙައްދަށް ގޮސް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ހަރުފަ ހިފައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ، ސިވާރުގޭ ގޯތިތެރޭން މިރޭ ފެނުނު 5 ފޫޓު 7 އިންޗީގެ ހަރުފަ -- ފޮޓޯ: ޕޮލިސް

"އެއީ އެގޭގައި ގެންގުޅުނު އެއްޗެއް ނޫންކަން މިހާތަނަށް ވަނީ އެނގިފައި. އަދި އޭތި އެގޭތެރެއަށް ވަދެފައިވާގޮތެއް ނޭނގެ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ، ހަރުފަ ފެނުނު ސަރަހައްދަށް ފުލުހުންނާއި ސިފައިން ދިޔައިރު، އެ ހަރުފަވަނީ މަރުވެފައި ކަމަށެވެ.

އައްޑޫ ސިޓީގެ ގެއަކުން މިރޭ ފެނިފައިވާ ހަރުފައަކީ ރާއްޖޭން މީގެ ކުރިންވެސް ފެނިފައިވާ "ޕައިތަން އާއިލާ"އަށް ނިސްބަތްވާ ހަރުފައެކެވެ. އޭޝިއާ އަދި އެފްރިކާގެ ސަރަހައްދު ތަކުގައި ދިރިއުޅޭ ޕައިތަން އާއިލާގެ ހަރުފަތަށް އާންމުކޮށް ފެންނަ ގައުމުތަކުގެ ތެރޭގައި އަވައްޓެރި، ސްރީ ލަންކާ، އިންޑިއާ، ނޭޕާލް އަދި ބަރުމާ ފަދަ ގައުމުތައް ހިމެނެއެވެ.