ނ. ލަންދުއާއި އެއަތޮޅު ހެނބަދުއާއި ރ. އިންނަމާދޫގައި ކުނި ކޮށި ( ވޭސްޓްމެނޭޖްމެންޓް ސެންޓަރު) އެޅުމުގެ މަސައްކަތް ސަރުކާރުން ދެކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ތިން ރަށުގެ ތެރެއިން ލަންދުއާއި ހެނބަދޫގެ މަސައްކަތް ހަވާލުކުރީ ޝަރޫހު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އަދި އިންނަމާދޫގެ މަސައްކަތް ހަވާލުކުރީ ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ ދެކުންފުންޏާއި އެކު މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ އެންވަޔަރްމެންޓް މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.7 މިލިޔަން ރުފިޔާއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބުރާހީމް ވިދާޅުވީ، މިއަދު މަސައްކަތް ހަވާލުކުރި ތިން ރަށާއި އެކު މިއަހަރު ތެރޭގައި ޖުމްލަ 13 ރަށެއްގައި ވޭސްޓްމެނޭޖްމެންޓް ސެންޓަރު އެޅުމުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްފައިވާނެ ކަމަށެވެ. މިހާތަނަށް ހަވާލުކުރި 13 މަޝްރޫއުގެ ޖުމްލަ އަގަކީ 10 މިލިޔަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.