22 Apr 2015, 22:28
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ކޮއްކޮ، ބައިސަލް ރާޖަޕްކްސާ ހައްޔަރުކޮށްފި އެވެ.
ސްރީލަންކާގެ މެއިލް އޮންލައިން ނޫހުން މިއަދު ބުނީ ބައިސަލް ހައްޔަރު ކުރީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށެވެ.
ބައިސަލް މި ހައްޔަރު ކުރީ، މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ "ވިޗްހަންޓް" ކުރާ އުސޫލުން ރާއްޖަ ޕަކްސާގެ އާއިލާގެ މީހުންނާ އަޅައިގަނެގެން އުޅުއްވާ ކަމަށް ރާޖަޕަކްސާ ވިދާޅުވިތާ މަދުވަގުތު ކޮޅެއްގެ ތެރޭގަ އެވެ.
ކުރީގެ އެކޮނަމިކް މިނިސްޓަރު ބައިސަލް ރާޖަޕަކްސާގެ ގާނޫނީ ވަކީލު ޔޫއާރު ޑިސިލްވާ ވިދާޅުވީ ބައިސަލް ހައްޔަރު ކުރީ ހަތް ގަޑި އިރުވަންދެން އޭނާ ހައްޔަރުގައި ބައިންދައިގެން ސުވާލު ކުރުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ކަފާލާތުގެ ދަށުން ދޫ ނުކުރެވޭ ތުހުމަތެއް ކަމަށެވެ.
ބައިސަލްގެ ދަށުން މަސައްކަތް ކުރި އިތުރު ސީނިއާ ދެ އޮފިޝަލަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުން ހައްޔަރު ކުރީ ޕަބްލިކް ހައުސިން މަޝްރޫއަކުން 70 މިލިއަން ސްރީލަންކަން ރުޕީސް ނޫނީ، 530،000 އެމެރިކާ ޑޮލަރަށް ހިޔާނަތްވި ކަމުގެ ތުހުމަތުގަ އެވެ.
އެމެރިކާގެ ސިޓިޝަންޝިޕް ވެސް އޮންނަ ބައިސަލް، އޭނާގެ ބޭބެގެ ވެރިކަން ވެއްޓުމާ އެކު ވަނީ އެމެރިކާ އަށް ވަޑައިގެންފަ އެވެ. އޭނާ އެނބުރި ގައުމަށް ވަޑައިގަތީ އިއްޔެ އެވެ.
ބައިސަލްގެ ވަކީލުން ވިދާޅުވީ ބައިސަލް ފުލުހުންގެ ފައިނޭޝަލް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ވަޑައިގަތީ އަމިއްލަ އަށް ކަމަށާއި އޭނާ ހައްޔަރުކުރީ ހަތް ގަޑި އިރުވަންދެން އޭނާ އާ ސުވާލުކޮށް ހެދުމަށް ފަހު ކަމަށެވެ.
ބައިސަލް ވެފައި ވަނީ ކުރިން ވެރިކަން ކުރި އާއިލާގެ ވެރިިކަން ވެއްޓުމަށް ފަހު އެ އާއިލާ އިން ހައްޔަރު ކުރި ފުރަތަމަ ބޭފުޅާ އަށެވެ.
ކުރީގެ ޑިފެންސް ސެކްރެޓަރީ އަދި ރާޖަޕްކްސާގެ އަނެއް ކޮއްކޮ، ގޮތަޔަބަހާ ރާޖަޕަކްސާގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ މިލިޓަރީ އެއާ ކްރާފްޓާއި މަދަނީ އެއާކްރާފްޓް ގަތުމުގައި ހިޔާނާތް ވުމުގެ ތުހުމަތާއި އަދި ހަތިޔާރުގެ މައްސަލަތަކެއްގެ ތުހުމަތެވެ.
ރައީސް ރާޖަޕަކްސާ އާއި އޭނާގެ ކޮއްކޮމެންގެ މައްޗަށް ކުރާ ތުހުމަތުތައް އެ ބޭފުޅުން ދޮގުކުރެ އެވެ. އަދި ރާޖަޕްކްސާ މިއަދު ހެނދުނު އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބޭފުޅުންނާ ދޭތެރޭ އާ ސަރުކާރުން ކަންކަން ކުރަނީ ޒާތީ ގޮތުން "ވިޗް ހަންޓް" ކުރާ އުސޫލުން ކަމަށެވެ.
ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ރާޖަޕްކްސާގެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ. އަދި އޭނާ އާ އަންނަ ހުކުރު ދުވަހު ސުވާލުކުރުމަށް ހަމަޖެހިފައިވެ އެވެ.

ރާޖަޕަކްސާ
ރާޖަޕަކްސާގެ 10 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް މައިތިރި ޕާލާ ސިރިސޭނާ ބޭނުން ހަތިޔާރަކީ ރާޖަޕަކްސާ އާއި އޭނާގެ އާއިލާގެ ކޮރަޕްޝަން ވާހަކަ އެވެ. އާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ބޭރުގެ އެހީގައި ހިންގި މަޝްރޫއުތަކުން ރާޖަޕަކްސާ އާއި އޭނާގެ ގާތް ބޭފުޅުން އެތައް ބިލިއަން ޑޮލަރެެއްގެ ހިޔާނާތްވެފައިވެ އެވެ. ނަމަވެސް ރާޖަޕަކްސާ މިއަދު ވިދާޅުވީ އޭނާ އާއި އޭނާގެ އާއިލާގެ މައްޗަށް އާ ސަރުކާރުން ކުރާ ތުހުމަތުތަކުގެ އެއްވެސް އަސްލެއް އަދި ހެއްކެއް އާ ސަރުކާރަށް ނުދެއްކޭ ކަމަށެވެ.
"އެ މީހުންނަކަށް [ސަރުކާރަކަށް] އެއްވެސް ހެއްކެއް ނުދެއްކޭ. ބޮޑެތި ބޮޑެތި ތުހުމަތުތައް ކުރަނީ. އެއީ ވިޗްހަންޓް،" ރާޖަޕަކްސާގެ ގޭގައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ. "ފުރަތަމަ އެ މީހުން ބުނީ އަހަރެންގެ ފައިސާ ސުވިޒަލޭންޑްގައި ހުރި ކަމަށް، ދެން ބުނީ ދުބާއީގައި ހުރި ވާހަކަ. ދައްކަ ބަލަ އެލާރި، ހެކި ދައްކަ ބަލަ،" ރާޖަޕަކްސާ ވިދާޅުވި އެވެ.
"އެ މީހުން ބުނީ ދުބާއީގައި އަަހަރެންގެ ހޮޓާ ހުންނަ ކަމަށް. އަދި ބުނީ ލަންކާގެ ހުރިހާ ހޮޓަލަކީ އަހަރެންނާއި ގޮތަބަހަޔާގެ ތަންތަން ކަމަށް. މިއީ ބޮޑު ޖޯކެއް ނޫންތޯ." ރާޖަޕަކްސާ ވިދާޅުވި އެވެ.
ރާޖަޕަކްސާ މިއަދު ދެއްވި އިންޓަވިއުގައި ވިދާޅުވީ އޭނާގެ ވެރިކަމުގެ ދައުރު ނިމެން ދެ އަހަރު ބާކީ އޮއްވައި އިންތިހާބު ބޭއްވުން އެއީ ހެއްދެވުނު ގޯހެއް ކަމަށެވެ. އަދި އެކަމަށް ޓަކައި ހިތާމަކުރައްވާ ކަމަށް ވެސް ރާޖަޕަކްސާ ވިދާޅުވި އެވެ.