23 Feb 2011, 19:06
ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގައި ކުރިން ހުންނެވި ސީއީއޯ ކުއްލި ގޮތަކަށް އިސްތިއުފާދެއްވައި، ބޭރަށް ފުރައިވަޑައިގެންނެވިތާ ނުވަ މަސް ދުވަސް ފަހުން، ބޭންކުގެ ސީއީއޯގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތަކު އައްޔަންކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ، ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސާއަކަށް ހަމަޖައްސައިފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޕީޓާ ހޯޓަން ކަމަށެވެ. އޭނާ ވަޒީފާ އަށް ނުކުންނަވާނީ މާދަމާ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް އެ އިއުލާނުގައި ނެތެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ގަނޭޝަން ސުބްރަމާނިއަމް ކުއްލިގޮތަކަށް މަގާމުން އިސްތިއުފާދެއްވައި، ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭރު އޭނާއާ ގުޅޭ އަޚްލާގީ މައްސަލައެއް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ބަލަމުންދިޔަކަން ސަން އަށް އެނގިފައި ވެއެވެ.