އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި އެތައް ބަޔަކު މަރުވެ، އެތައްބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެކްސިޑެންޓު ހިނގާ ސަރަހައްދުތަކުގައި އެއްވެސް ސްޕީޑު ބްރޭކަރެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަފުޅުދައްކަވަމުން ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ސައުތު ވިންގުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، އައްޑޫ ސިޓީގައި ފަހަކަށް އައިސް ހިނގައިދިޔަ އެކްސިޑެންޓްތަކާ ގުޅިގެން އެކަންތައް ބަލައި ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީގެ މަގުމަތީގައި ދުއްވާ ތަކެތީގެ ދުވެލި މަޑުކުރުމަށް ބާރުއެޅުމުގެ ގޮތުން ބޮޑެތި މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމަށް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ 60 ކިލޯމީޓަރު ބާރު މިނުގައި ދުއްވޭ ސަރަޙައްދާއި އެއަށްވުރެ މަޑުން ދުއްވޭ ސަރަޙައްދު ކަނޑައަޅާފައި ވާއިރު، އެސަރަޙައްދު ފެންނަގޮތަށް ނިޝާން ނެތުމަކީވެސް ތަޙުޤީޤުން ފާހަގަ ކުރެވުނު މައްްސަލައެއް ކަމަށެވެ.

"އެގޮތުން މިއަދުވެސް ފުލުހުންނާ އައްޑޫ ސިޓީ ކައުންސިލް ބައްދަލުކޮށް ވަނީ އައްޑޫ ސިޓީގައި ޓްރެފިކް މައްސަލަތައް ޙައްލު ކުރުމަށް ކުރެވެންހުރި ކަންކަމާމެދު މަޝްވަރާ ކޮށްފައި. މިގޮތުން ޕާކިން ޒޯންތަކާ އެނޫންވެސް ޒޯންތައް ކުރެހުމާއި، ޓްރެފިކް ސައިންތައް އިތުރަށް ބޭނުންވާ ސަރަޙައްދު ތަކުގައި ބެހެއްޓުމާއި، ސްޕީޑް ބްރޭކަރު ހަދަންޖެހޭ ތަންތަން ފާހަގަކޮށް އެމަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަޝްވަރާ ވަނީ ކުރެވިފައި،" އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ، ގޯޅިތަކުން ބޮޑު މަގުތަކަށް ނުކުންނަ އުޅަނދުތައް މަޑުނުކޮށް ނުވަތަ ބަލަންވާވަރަށް ނުބަލައި ނުވަތަ ސިގްނަލް ނުދީ ނުކުތުމާއި، ގޯޅިގޯޅީގެ ކަންމައްޗަށް ވާގޮތަށް އުޅަނދު ޕާކްކުރުމާއި، ގޯޅިން އަޅާ އުޅަނދަށް ދަތިވާގޮތަށް މަގުމަތީގައި ޑަބަލް ޕާކިންކޮށްފައި ބެހެއްޓުމަކީވެސް އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ކަމަށެވެ.