އާ ގާނޫނުލް އުގޫބާތަށް މި އަހަރުގެ ޖުލައި މަހު އަމަލުކުރަން ފެށުމުގެ ކުރިން ހުރިހާ ފުލުހުން އެ ގާނޫނަށް އަހުލުވެރި ކުރުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ކޮންމެ ވަގުތެއްގައި ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ޖެހުނު ކަމުގައި ވިއަސް ފުލުހުން ތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ. އަދި މިހާރު ގާނޫނުލް އުގޫބާތަށް އަމަކު ކުރުން ފަސްކުރުމުން މިހާރު އިތުރު ދުވަސް ލިބިފައިވާތީ ފުލުހުން އިތުރަށް ތަމްރީން ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"މި 80 ދުވަސް ތެރޭގައި ފުލުހުންގެ ބާކީ ތިބި ހުރިހާ މުވައްޒަފުން އެ 80 ދުވަސް ތެރޭގައި ކަވަރު ކުރާނެ. މިދައްކަނީ 3000 ނުވަތަ އެއަދަދާ ގާތް ކުރާ އަދަދެއްގެ ވާހަކަ. މިހާރު އަޅުގަނޑުމެން ތިން ދުވަހުގެ ތަމްރީން ޕްރޮގުރާމް މި ހިންގީ ތަހުގީގު ކުރާ ފަރާތްތަކަށް. އެމީހުންނަށް ތަންކޮޅެއް ތަފްސީލްކޮށް ގާނޫނުލް އުގޫބާތަށް އަހުލުވެރިވާން އެބަޖެހޭ. ދެން އެ ނޫން ފުލުހުންނަށް އަޅުގަނޑުމެން ގަސްތުކޮށްފައި މިއޮތީ އެއް ދުވަހުގެ ޕްރޮގުރާމުތަކެއް ހިންގަން،" ޝިފާއު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ނޫސްވެރިންނާ ހިއްސާ ކުރަމުން ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު މީގެކުރިން ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުގެ ލީގަލް ރިސޯސް ސެންޓަރާ ގުޅިގެން ފުލުހުންގެ މުއައްސަސާގެ ތަހުގީގު ކުރާ ޑިޕާޓްމަންޓުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ގާނޫނުލް އުގޫބާތާ ގުޅޭ 8 ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށެވެ. ހަމަ އެއާއެކު އަތޮޅު ތެރޭގެ 7 ޑިވިޝަނެއްގައި 7 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮގްރާމުތަކުގައި ޖުމުލަ 515 ފުލުހުން މިހާތަނަށް ތަމްރީން ކުރެވިފައިވޭ، އޭގެތެރެއިން 120 ފުލުހުންނަކީ ކޮމިޝަން އޮފިސަރުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކީގައި އަޅުގަނޑުމެން ވާނީ ތިން ދުވަހުގެ ޕްރޮގްރާމްތަކަކާ އެއް ދުވަހުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައި،" ޝިފާއު ވިދާޅުވި އެވެ.