އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ކްލަބް ވެލެންސިއާ 2-0 ކުން ބަލިކުރުމަށް ފަހު، ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުވުން އެއީ ޓީމަށް ލިބޭނެ އެންމެ ބޮޑު ކޮންފިޑެންސް ކަމަށް ޓީސީ ސްޕޯޓްސްގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މިއަދުގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ޓީސީ ފަދަ އަލަށް ވާދަކުރާ ޓީމަކަށް މި ކާމިޔާބީއަކީ ވަރަށް ބޮޑު އެއްޗަކަށް ވެގެން ދާނެކަމަށާއި، މިއަދުގެ މެޗުގައި ޓީސީގެ ކުޅުންތެރިން ކުޅެފައި ވަނީ އެކަން ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓައިގެން ކަމަށެވެ.

"މި ކާމިޔާބީ އަކީ ވަރަށް ބޮޑު އެއްޗަކަށް ވެގެން ދާނެ. ލީގެއްގެ ފުރަތަމަ މެޗު، ނުވަތަ ސީޒަނެއްގެ ފުރަތަމަ މެޗު ވިން ވުން އެއީ އަސްލު ޓީމަކަށް ލިބޭނެ އެންމެ ބޮޑު ކޮންފިޑެންސް. ހާއްސަކޮށް ޓީސީ ފަދަ ކުޑަ ޓީމެއް މިފަދަ ބޮޑު މުބާރާތެއްގައި ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ،" ނިޒާމްބެ ބުންޏެވެ.

"މިއަދުގެ މެޗުގައި ކުޅުންތެރިން ކުޅުނީ މި މެޗަކީ ކިހާ މުހިންމު މެޗެއްކަން ބޮލުގައި ބަހައްޓައިގެން. މި ތިން ޕޮއިންޓަކީ ކިހާ ބޮޑު އެއްޗެއްކަން ބޮލުގަ ބަހައްޓައިގެން ބުރަ މަސައްކަތުން ވިންވި މެޗެއް މިއީ."

މިއަދުގެ މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމްގެ އަލީ ނާފިއު ކާމިޔާބު ކުރި ލަނޑާއެކު ޓީސީ މެޗުގެ ލީޑު ނެގިއިރު، އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 74 ވަނަ މިނެޓުގައި ޓީސީގެ ބްރެޒިލް ފޯވާޑް ރަފައެލް ބެޓިމް މާޓް އެވެ.

މުޅިން އަލަށް ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ވާދަކޮށް ކުޅުނު ފުރަތަމަ މެޗު ޓީސީ ކާމިޔާބު ކޮށްފައި ވީނަމަވެސް، ނިޒާމްބެ ވަނީ ޓީމް އަދިވެސް ރަނގަޅު ކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރިކަން ފާހަގަ ކޮށްފައެވެ.

"ޖުމްލަކޮށް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަންޏާ ޓީސީ މިހާތަނަށް ޕްރެކްޓިސްގައި ދައްކަމުން އައި ޕަރފޯމެންސަށް ބަލާއިރު، މިއަދުގެ ޕަރފޯމެންސް ދަށް. އެކަމުވެސް މިއީ ޓީސީގެ ފުރަތަމަ މެޗަށް ވާތީ، ކުޅުންތެރިންނަށް ޕްރެޝަރުތަކެއް ހުންނާނެ. އަދި ޓީސީ އެބަހުރި ރަނގަޅު ކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން. ވަކިން ހާއްސަކޮށް ލީގުގައި ބޮޑެތި ޓީމްތަކާ ދެކޮޅަށް ވާދަކުރާއިރު، އެއީ ޓީސީއަށް ފަސޭހަ ކަމަކަށްވެސް ނުވާނެ،" ނިޒާމްބެ ބުންޏެވެ.

އޭގެ އިތުރުން ނިޒާމްބެ ވަނީ މިއަދު ޓީސީގެ ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާ މެދުވެސް ހިތްހަމަޖެހުން ފާޅު ކޮށްފައެވެ. އަދި ޓީމްގެ ބިދޭސީ ދެ ކުޅުންތެރިން އެ ދެ ކުޅުންތެރިންނާ ހަވާލުކުރި މަސައްކަތް ވަރަށް ރަނގަޅަށް އަދާކުރި ކަމަށާއި، ވަކިން ހާއްސަކޮށް މެދުކެނޑުމަކަށް ފަހު ގަލޮޅު ދަނޑުން ފެނިގެން ދިޔަ އަލީ ނާފިއު އާއި ޒުވާން ކުޅުންތެރިޔާ ނާއިޒް ހަސަން އަކީ ކުރިއަށް އޮތްތާ ވަރަށް ފާހަގަ ކޮށްލެވޭނެ ކުޅުންތެރިންނަށް ވާނެ ކަމަށް ނިޒާމްބެ ބުންޏެވެ.

"ނާފިއު މީގެ ކުރިން މި ދަނޑުގައި ކުޅުނު ފެންވަރާ މިއަދު ދެއްކި ޕަރފޯމެންސާ ހަމަ އެންމެ ތަންކޮޅެއްވެސް ދަށެކޭ ނުބުނާނަން. ގަބޫލް ކުރާ ގޮތުގައި އޭނާ އަދިވެސް އިމްޕްރޫވް ކުރާނެ،" ނިޒާމްބެ ބުންޏެވެ. "އަދި ނާފިއު މިހާރު އެހުރި ޑިސިޕްލިން އާއެކު މަސައްކަތް ކޮށްފި ނަމަ، އޭނާއަށް ހަމަ ސްޓަރ ޕްލޭޔަރަކަށް ވެވިދާނެ."

"ހާއްސަކޮށް މި ދަނޑުގައި އޭނާގެ ފުރަތަމަ މެޗަށް ނިކުމެ، އެހާ ހަގު އުމުރެއްގައި މޭން އޮފް ދަ މެޗް ހޯދުމަކީ އެއީ ހަމަ ވަރަށް ބޮޑު ކުރިއެރުމެއް."