ހއ. އިހަވަންދޫ ސްކޫލު ސާނަވީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން ގުޅިގެން ބޭއްވި އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ ޕްރޮގްރާމްގައި އިހަވަންދޫ ސްކޫލުގެ 25 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދަރިވަރުންނަށް، މަސްވެރިކަމުގެ ތަރައްގީގައި ޒުވާނުންގެ ދައުރާއި ހިއްސާވާ މިންވަރު ކިޔައިދެވިފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ މަގްސަދަކީ ސްކޫލު ދައުރު ނިމި ވަޒީފާއަށް ޒުވާނުން ކުރިމަތިލާއިރު ވަޒީފާ އަދާ ކުރުމަށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާތަކުގެ ފުރުސަތުތައް އަންގައިދިނުން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެކަންތައްތަކާ މެދު ހޭލުންތެރި ކުރުވައި މަސްވެރިކަމަށް ޝައުގުވެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް އެ ޕްރޮގްރާމްގައި ކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.