މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން ހާމަކުރަންޖެހޭ މައުލޫމާތުތަކެއް ހުރި ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައިވާތީ، އެމައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާ ޕާސަންގެ މަގާމުގައި އޭނާ ކުރިން ހުންނެވި އިރު އަފްރާޝީމްގެ މަރުގެ ތުހުމަތު އެމްޑީޕީގެ ބޮލުގައި އަޅުވަން އޭރު ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާ ގުޅޭގޮތުން ރިޔާޒު ދައްކަވާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވިދާޅުވެފައި ވަނީ އަފްރާޝީމްގެ މަރާ ގުޅިގެން ހާމަކުރަންޖެހޭ ވާހަކަތަކެއް އެބަހުރި ކަމަށާއި އެ މައްސަލައިގެ ތަހުގީގު ނިމިފައިނުވާތީ އާއި އަދި އެއީ ޝަރީއަތުގައި އޮތް މައްސަލައަކަށްވާތީ އެވާހަކަތައް ދެއްކެން ނެތް ކަމަށެވެ.

ރިޔާޒު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް މިއަދާ ހަމައަށް ވެސް ފުލުހުން ހަމާކޮށްފައިނުވާތީ، އެ ތަހުގީގު ނިމިފައިވާކަމަށް ގަބޫލުކުރެވެން ނެތް ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އެންމެ މީހަކަށް ހުކުމް އިއްވާފައިވީ ކަމުގައި ވިޔަސް އެއީ އެންމެ މީހަކު ކުރި ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ވެސް ރިޔާޒު ވަނީ އެ ޕްރޮގްރާމްގައި ވިދާޅުވެފައެވެ.