އިންޑިއާގެ ޗާޓް ދައްކާއިރު އެގައުމުގެ ބައެއްގެ ގޮތުގައި ކަޝްމީރުގެ ސަރަހައްދެއް ނުދައްކާތީ އިންޑިއާގައި އަލްޖަޒީރާ ދެއްކުން ފަސް ދުވަހަށް މަނާކޮށްފިއެވެ.

ފައިނޭންޝަލް ޓައިމްސް ނޫހުން ބުނީ އިންޑިއާގައި އަލްޖަޒީރާ ދެއްކުން މިއަދުން ފެށިގެން ފަސް ދުވަހަށް މަނާ ކުރުމުން ރޭ މެންދަމު 12.00 އިން ފެށިގެން އެގައުމުގައި އެޗެނަލް ދެއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިހާރު އެޗެނަލަށް ލުމުން ފެންނަނީ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އަންގާފައިވާ ފަދައިން މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް އެ ޗެނަލް ނުފެންނާނެ ކަމަށް ލިޔެފައިވާ ލިއުމެއް ކަމަށް ވެސް ނޫހުން ބުންޏެވެ.

އިންޑިއާގެ އިންފޮމޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ އަލްޖަޒީރާއިން އިންޑިއާގެ ޗާޓް ނުބައިކޮށް ދައްކާކަން ފާހަގަ ކުރެވިގެން ސާވޭޔާ ޖެނެރަލްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި އިންޑިއާގެ ސާވޭޔާ ޖެނެރަލް އެކަން ބެލުމުން ކަޝްމީރުގެ ޕީއޯކޭއާއި އަކްސާއީ ޗިން އަކީ އިންޑިއާގެ ބައެއްގެ ގޮތުގައި އަލްޖަޒީރާގެ ޗާޓްތަކުގައި ނުދައްކާ ކަން އެނގުނު ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގެ ޗާޓް ދެއްކުމުގައި އަންޑަމަން ޖަޒީރާތަކާއި ލަކްޝަދީބް ވެސް އިންޑިއާގެ ބައެއްގެ ގޮތުގައި ނުދައްކާ ކަން ފާހަގަ ކުރެވުނު ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

އަލްޖަޒީރާއިން ބުނެފައި ވަނީ އެޗެނަލުން ދައްކާ އިންޑިއާގެ ޗާޓުތަކަކީ ބައިނަލް އަގުވާމީ މީޑިއާތަކުން ބޭނުންކުރާ ސޮފްޓްވެއާއަކުން އުފައްދާފައިވާ ޗާޓްތަކެއް ކަމަށެވެ.