22 Apr 2015, 19:50
އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރުން އަވަސް ކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ގާނޫނުލް އުގޫބާތުގެ 10 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލް އުގޫބާތަށް އަމަލު ކުރާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ރ) އަށް ވެސް ރިޒާ ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަކީ ކޮބައިކަން އެ ގާނޫނުގައި މިހާރު މަނާކޮށްފައިވާ ގޮތް ބަދަލުކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ.
ރިޒާ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ މިހާރު ގާނޫނު އޮތް ގޮތުން ކުށްކުރާ މީހުން ހައްޔަރު ކުރުމުގެ ބާރު ލިބިފައި ނުވާ، އެހެންނަމަވެސް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތްތައް ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭތީ ކަމަށެވެ.
ގާނޫނުލް އުގޫބާތަށް އަމަލު ކުރަން އަވަސް ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާއިރު، އެއަށް އަމަލު ކުރަން ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީވެސް ސަރުކާރު ކޯލިޝަނުން ހުށަހެޅި އިސްލާހަކާ ގުޅިގެންނެވެ.
ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށްކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ އުގޫބާތާއި ކުށްކުށާއި އުގޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާއުގެ ގޮތުގައި ބޭނުންކުރެވޭނެ ކަންތައްތަކާއި، އަދަބު ކަނޑައެޅުމުގެ އުސުލާއި، އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި، އެކަންކަމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.