23 Feb 2011, 18:35
އައްޑޫ ސިޓީގެ ހިތަދޫގައި ފުލުހަކު ދުއްވައިފަައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 70 އަހަރުގެ މީހަކު ޒަޚަމްވެއްޖެ އެވެ.
ހިތަދޫން މައުލޫމާތު ދިން މީހަކު ބުނީ، މިއަދު ހަވީރު 4:00 ޖަހާ އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ޒަޚަމްވީ ސ. ހިތަދޫ މަހުލަނބުގެއާގެ، އަބްދުﷲ ޖަލީލު ކަމަށެވެ. އޭނާއަށް މިހާރު ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އެމީހާ ބުންޏެވެ.
"އައިސީޔޫގައި އޮތީ މިހާރު ބާއްވައިފަ. އިރުއިރުކޮޅާ ހޭޖެހޭ. މުސްކުޅި މީހަކަށްވީމަ، ފުދޭވަރަކަށް ޝޮކެއް ލިބުނީ. އެކަމަކު ބޭރުފުށުން އެއްވެސް ޒަޚަމެއް ނެތް ފެންނާކަށް. ޑޮކްޓަރުން މިހާރު ބަލަމުންދަނީ،" އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގައިފައިވަނީ ލިންކު ރޯޑުން ފުލުހަކު ދުއްވައިފަ ދިޔަ ކާރެއްގެ ކުރިމަތިން ސައިކަލެއް ހުރަސްކުރަން އުޅެނިކޮށް، އެ ސައިކަލުން ނައްޓަން މަސައްކަތްކުރި ވަގުތު، ދެ ވެހިކަލް ޖެހިގެން ކަމަށެވެ. ކާރު ކޮންޓްރޯލް ނުކުރެވި ގޮސް، އެ ސަރަހައްދުގައި ހުރި ކުރީގެ ކޮމްޕްރިހެންސިވް ސްކޫލްގެ ފާރުގައި ޖެހި، ކާރުގެ ކުރީކޮޅު ހަލާކުވެފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކާރު ދުއްވަން އިން ފުލުސް މީހާގެ އަނގަމަތި ފަޅައިގެންގެސްފައިވާ ކަމަށާއި އެކާރުގެ ފަހަތު ސީޓުގައި އިން އަންހެންމީހާގެ އެއް ފައި ދުޅަވެފައިވާ ކަމަށެވެ. ފުލުހުން ދަނީ އެ އެކްސިޑެންޓު ހިނގިގޮތް އިތުރަށް ބަލަމުންނެވެ.
* މިހަބަރާ ގުޅޭ ފޮޓޯ ލިބިވަޑައިގެންފައިވާ ފަރާތްތަކުން 2747 އަށް އެމްއެމްއެސް ކުރައްވާށެވެ