22 Apr 2015, 21:03
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ޓީސީ ސްޕޯޓްސް ކްލަބް އަތުން ކްލަބް ވެލެންސިއާ 2-0 ގެ ނަތީޖާއަކުން ބަލިވި މެޗަކީ ވެލެންސިއާއަށް ކާމިޔާބު ކުނުކުރެވޭ ވަރުގެ މެޗެއް ނޫން ކަމަށް އެޓީމު ކޯޗް މުހައްމަދު އިގްބާލް ބުނެފިއެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އިގްބާލް ބުނީ، މިއަދުގެ މެޗުގައި ވެލެންސިއާއަށް ދިމާވި މައްސަލައަކީ ތަންކޮޅެއް ލަސްކޮށް ގޭމް ފެށުން ކަމަށެވެ. އަދި މެޗުގައި ވެލެންސިއާގެ ފުރަތަމަ 11 އިން ފެނުނު މިޑްފީލްޑަރުންގެ ކުޅުންވެސް ތަންކޮޅެއް ދަށްކަން ފާހަގަ ކުރެވުނު ކަމަށް އިގްބާލް ބުންޏެވެ.
"ވެލެންސިއާއަށް މި މެޗު ފެށުނީ ތަންކޮޅެއް ސްލޯ ކޮށް. މެޗުގައި އެޓޭކިން މިޑްފީލްޑަރުންގެ ޕަރފޮމެންސް ވެސް ތަންކޮޅެއް ދަށް. މެޗަށް ނިކުތް އިރު އިނގޭ މި މެޗު ވަރަށް ކޮމްޕެޓެޓިވް ވާނެކަން. އެއީ ޓީސީ އަކީވެސް ރަނގަޅު ޓީމެއް. މި ބުނި ގޮތަށް ވެލެންސިއާގެ މިޑްފީލްޑަރުންގެ ކުޅުން ތަންކޮޅެއް ދަށްވެ، ޓީމް އެކީގަ ރަނގަޅު ސްޓާޓެއް ނުކުރެވުނީމް މި ނަތީޖާ މި ދިމާވީ،" އިގްބާލް ބުންޏެވެ.
އިގްބަލް ބުނީ ކޮންމެ މެޗަކުން ވިއަސް، ބަލިވުމަކީ ލިބޭނެ ގެއްލުމެއް ކަމަށެވެ. އަދި މެޗުގައި ޓީމަށް އެންމެ އެދެވޭ ވަރަށް ކުޅެވިފައި ނުވާ ކަމަށާއި، ވެލެންސިއާއަށް މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބު ކުރެވުނު ގޯލް ރެފްރީ ގޯލެއް ކަމަށް ނުނިންމުމުން އެއީވެސް ޓީމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
"2-0 ލަނޑުން ބަލިވީމަ އެއީ ހަމަ ވަރަށް ބޮޑު ގެއްލުމެއް. ގެއްލިގެން މި ދިޔައީ ތިން ޕޮއިންޓް. ކުޅުންތެރިންގެ ކުޅުމަށް ބަލާއިރުވެސް ނެތް އެހާ ހިތްހަމަޖެހޭ ވަރަކަށް ކުޅެވިފަ. އޭގެ އިތުރުން ވެލެންސިއާ ކާމިޔާބުކުރި ލަނޑާ މެދުވެސް ސުވާލުތަކެއް އެބަހުރި. ނަމަވެސް އެއީ ރެފްރީގެ ނިންމުން. އެކަހަލަ ގޮތެއް ދިމާވީމަވެސް ޓީމް ޑިސްކަރޭޖް ވާނެ،" އިގްބާލް ބުންޏެވެ.
މިއަދުގެ މެޗުން ބަލިވި ނަމަވެސް، އިގްބާލް ވަނީ ވޭތުވެތުވެދިޔަ އަހަރުތަކާ އަޅައިބަލާއިރު މި އަހަރު ވެލެންސިއާގައި އޮތީ ތަންކޮޅެއް ރަނގަޅު ސްކޮޑެއް ކަން ފާހަގަ ކޮށްފައެވެ. އަދި މި މެޗު ނަމޫނާއަކަށް ބަލައިން ކުރިއަށް އޮތްތާނގައި ރަނގަޅު ކޮށްފިނަމަ، ވެލެންސިއާގެ ކުރިމަގު އަދިވެސް ރަނގަޅު ވާނެ ކަމަށް ބެލެވޭ ކަމަށް އިގްބާލް ވަނީ ބުނެފައެވެ.
"މިއީ ވެލެންސިއާގެ ފުރަތަމަ މެޗު، އަދި އެބަ ހުރި ލީގުގަ ފުދޭވަރަކަށް މެޗު. ދެން ހުރި މެޗުތަކަށް ކޮންސެންޓްރޭޓް ކޮށްގެން، މިއީ އެގްޒާމްޕަލް އަކަށް ބަލައިގެން އެވަރަށް ތައްޔާރު ވެވިއްޖެއްޔާ މުސްތަގުބަލު އަދި ގޯހެއް ނޫން. ވޭތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ވެލެންސިއާގަ މިއޮތީ ތަންކޮޅެއް ބެލެންސް ޓީމެއް. ޗޭންޖް ކުރަންވެސް އެބަހުރި ރަނގަޅު އޮޕްޝަން ތަކެއް،" އިގްބާލް ބުންޏެވެ.
އޭގެ އިތުރުން ވެލެންސިއާއަށް މި އަހަރު ބިދޭސީ ކުޅުންތެރިއަކު ގެނެސްފައި ވާއިރު، އޭނާ މިއަދުގެ މެޗުގައި ބޭނުން ނުކުރީ ކީއްވެތޯ ސުވާލުކުރުމުން އިގްބާލް ބުނީ ކްލަބަށް މި ފަހަކަށް އައިސް ދިމާވި މައްސަލަތަކާ ހުރެ އެ ކުޅުންތެރިޔާ ލިބުން ތަންކޮޅެއް ލަސްވީ ކަމަށާއި، ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި އޭނާ ޓީމުން ފެނުން އެކަށީގެން ވާކަމަށެވެ.