22 Apr 2015, 19:09
މާލޭގެ ތިން ސަރަހައްދެއްގައި ހައުސިން މިނިސްޓްރީން މުވައްޒަފަކު ފޮނުވައިގެން ކޮތަރަށް ކާންދީފިއެވެ.
ހައުސިން މިނިސްޓްރީގެ މުވައްޒަފެއްކަން އެނގޭ ގޮތަށް ލިޔެފައިވާ ޖެކެޓެއް ލާފައި ހުރި މީހަކު ކޮތަރަށް ކާންދޭ މަންޒަރު ދައްކައިދޭ ތިން ފޮޓޯ އެ މިނިސްޓްރީގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ހަވީރު ވަނީ އާއްމުކޮށްފައެވެ. އެ ތިން ފޮޓޯއާ އެކު މިނިސްޓްރީން ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ "ސުނާމީ ބިނާ ސަރަހައްދާއި ވިލިމާލެ ފެރީޓާމިނަލް ކައިރީގަޔާއި އާޓިފިޝަލް ބީޗްގައި ކޮތަރަށް ކާންދިން" ކަމަށެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ކޮތަރަށް ކާންދެނީ. ފޮޓޯ: ހައުސިން މިނިސްޓްރީ
މިނިސްޓްރީގެ ފަރާތުން ކޮތަރަށް ކާންދިނުމަށް ފަހު ފޮޓޯ އާއްމުކޮށްފައި މިވަނީ ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން އެމިނިސްޓްރީން މަނާ ކުރުމުން ފާޑުކިއުންތައް ކުރިމަތިވެފައި ވަނިކޮށެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ކޮތަރަށް ކާންދެނީ. ފޮޓޯ: ހައުސިން މިނިސްޓްރީ
ފާޑުކިއުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ ކޮތަރުތައް މަރުވަން ދޫކޮށް ނުލައްވާނެ ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާން ދިނުން މަނާކުރީ އެ ސަރަހައްދު ހަޑިވަމުން އަންނާތީ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.