22 Apr 2015, 19:31
މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން "ފައިސާ ރީލޯޑު" ކުރަމުންދާ މައްސަލަ އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑަރުގެ ހެޑް، ސުޕްރިޑެންޓެންޓު އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވީ އެފަދަ މައްސަލަތަކަށް ދިވެހީން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ.
ކާކުކަން ނޭނގޭ މީހަކު ކިތަންމެ ކުޑަ އަދަދަކުން ރީލޯޑު ކުރަން ބުނި ކަމުގައި ވިއަސް އެކަން ނުކުރުމަށް އާސިމް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
"ފަހަކަށް އައިސް މިގޮތަށް ގުޅާ ފަރާތްތަކުން އެދެމުން ދަނީ ބޮޑެތި ޕްރޮމޯޝަންތަކުގެ ނަން ބޭނުން ކޮށްގެން ބޮޑެތި އަދަދުތަކުން އިނާމު ލިބޭތީ ފޯނަށް ލާރި އަޅައި ދިނުމަށް. މިގޮތުން ޝީޝާ އިން ހިންގާ ސައިކަލު ޕްރޮމޯޝަނާއި ދިރާގުން ހިންގާ ޕްރޮމޯޝަނާ މިނިވަން ފަންސާހާ ގުޅިގެން ހިންގާ ޕްރޮމޯޝަނާއި އެމްޓީސީސީން ހިންގާ ކަށަވަރު ޕްރޮމޯޝަންގެ ނަމުގައި ތަފާތު ނަންބަރުތަކުން ގުޅައިގެން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާ މައްސަލަ ފުލުހުންނަށް ދަނީ ހުށަހެޅެމުން،" އާސިމް ވިދާޅުވި އެވެ.
"ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އާސިމް ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާހަމައަށް އެފަދަ 30 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެވްރެޖު ގޮތެއްގައި ދުވާލަކު އެފަދަ ތިން ހަތަރު މައްސަލަ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށާއި މާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅެމުންދާކަން އާސިމް ވިދާޅުވި އެވެ.
"މިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ފުލުހުން މިހާރު ދަނީ ޓެލެކޮމިއުނިކޭޝަނާ އެކު މަޝްވަރާ ކުރަމުން. އެގޮތުން ޓޭމުން ވަނީ މިގޮތަށް ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގައި ބޭނުން ކުރާ ނަންބަރުތަކުގެ ޚިދުމަތް ކަނޑާލުމާ ދޭތެރޭ ވިސްނަމުންދާ ކަމަށް އަޅުގަނޑުމެންނަށް ހާމަކޮށްފައި. މިހާތަނަށް ފާހަގަ ކުރެވުނު ގޮތުގައި މިގޮތަށް ގުޅާ ނަންބަރުތަކަކީ ބިދޭސީންގެ ނަން ނަމުގައި ނަގާފައިވާ ނަންބަރުތަކެއް،" އާސިމް ވިދާޅުވި އެވެ.
ފުލުހުން މިހެން ބުނެފައިވާއިރު އެމްޓީސީސީގެ ނަމުގައި ގޮތްނޭނގޭ ފަރާތްތަކުން އާންމު ފަރާތްތަކަށް ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވުމަށް އެކުންފުނިން ވެސް ވަނީ މިއަދު އިލްތިމާސްކޮށްފައި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކުންފުނީގެ "ކަށަވަރު" ގެ ނަމުގައި އާންމު ފަރާތްތަކަށް ފޯނުކޮށް ކަށަވަރުން ހިންގާ ޕްރޮމޯޝަނެއްގެ ގުރުއަތުން އެ ފަރާތައް އިނާމެއް ލިބިފައިވާ ކަމަށް ބުނެ، ކަށަވަރުން ކަނޑައަޅާ ޕްރީޕެއިޑު ވަކި ނަންބަރަކަށް ވަކި އަދަދަކަށް ފައިސާ ރީލޯޑު ކުރުމުން އިނާމު ރައްދުކޮށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ބައެއް ފަރާތްތަކުން ހަދަމުން އަންނަ ކަމަށެވެ.