22 Apr 2015, 17:17
އެމްޓީސީސީގެ ނަމުގައި ގޮތްނޭނގޭ ފަރާތްތަކުން އާންމު ފަރާތްތަކަށް ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކޮށްފި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކުންފުނީގެ "ކަށަވަރު" ގެ ނަމުގައި އާންމު ފަރާތްތަކަށް ފޯނުކޮށް ކަށަވަރުން ހިންގާ ޕްރޮމޯޝަނެއްގެ ގުރުއަތުން އެ ފަރާތައް އިނާމެއް ލިބިފައިވާ ކަމަށް ބުނެ، ކަށަވަރުން ކަނޑައަޅާ ޕްރީޕެއިޑު ވަކި ނަންބަރަކަށް ވަކި އަދަދަކަށް ފައިސާ ރީލޯޑު ކުރުމުން އިނާމު ރައްދުކޮށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ބައެއް ފަރާތްތަކުން ހަދަމުން އަންނަ ކަމަށެވެ.
އެމްޓީސީސީން ބުނީ އެކުންފުނީގެ ޕްރޮމޯޝަންތަކަކީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި މީޑިއާތަކުގައި ވަރަށް ބޮޑަށް އިޝްތިހާރުކޮށްގެން ހިންގާ ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި ޕްރޮމޯޝަންތަކާ ބެހޭ މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ.
"އަޅުގަނޑުމެން ހިންގާ ޕްރޮމޯޝަންތަކުގައި ކަސްޓަމަރުންނަށް ގުޅާފަ ރީލޯޑު ކުރުމާއި، އެކި މީސް މީހުންނަށް ފައިސާ ހަވާލުކުރުމަކަށް ނުބުނާނެ،" އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ނަމުގައި އެފަދަ ނޭއްގާނީ އަދި އަޚުލާގީގޮތުން ދަށްފެންވަރުގެ އަމަލުތައް ހިންގައިގެން އާންމު ފަރާތްތަކަށް ގެއްލުންދޭތީ އެކުންފުނީގެ ސީއީއޯ ވަނީ އެކަމާ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.
އެމްޓީސީސީގެ ނަމުގައި ފައިސާ ހޯދުމަށް ފޯން ކޯލެއް ލިބިއްޖެނަމަ ފުލުހުންނަށާއި އެކުންފުންޏަށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް އެމްޓީސީސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.