ނިއުދިއްލީ (އެޕްރީލް 22): އަންހެން ކުއްޖަކަށް ބަލިވެ އިނދެއްޖެނަމަ ދަރިވެއްޓުމުގެ ނުބައި އާދަ އިންޑިޔާގެ އާއިލާތަކުގައި ވަރަށް ބޮޑަށް އަށަގެންފައިވާ ކަމަށާއި އެވެރެޖްކޮށް ދުވާލެއްގެ މައްޗަށް ދެހާހެއްހާ އަންހެން ދަރިން ބަޑުގައި އޮއްވައި އެބޯޓްކޮށްގެން ވައްޓާލާކަން އިންޑިޔާ ސަރުކާރުން ހާމަކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން އިންޑިޔާގެ ވިމެން އެންޑް ޗައިލް ޑިވެލޮޕްމެންޓާބެހޭ ވަޒީރާ މަނެކާ ގާންދީ ވިދާޅުވީ އަންހެނަކު ބަލިވެއިންނައިރަށް އޭނާ ބަލިވެއިނީ ކޮންޖިންސެއްގެ ކުއްޖަކާތޯ އާއިލާތަކުން ބަލާކަމަށާއި އަންހެން ކުއްޖަކަށްކަން ކަށަވަރުވާ އިރަށް އެ ކުއްޖާ ބަނޑުގައި އޮއްވައި ވައްޓާލުމުގެ މައްސަލަ އިންޑިޔާގައި ވަރަށް ބޮޑުކަމުގަ އެވެ. މިގޮތުން އެވެރެޖްކޮށް ދުވާލެއްގެ މައްޗަށް ދެހާހެއްހާ އަންހެންދަރިން ބަޑުގައި އޮއްވައި އެބޯޓްކޮށްގެން ވައްޓާލާކަން ދިރާސާތަކުން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނުބައި އާދަ ގިނައީ އިންޑިޔާގެ ފަގީރު އާއިލާތަކާއި މެދުފަންތީގެ އާއިލާތަކުގަ އެވެ. އަންހެންދަރި ބަނޑުގައި އޮއްވާ ވައްޓާލަނީ އަންހެންކުދިންގެ ކައިވަންޏަށް ދޭންޖެހޭ ޑައުރީގެ ޚަރަދު އާއިލާއަށް ބޮޑުވާތީކަން ދިރާސާތަކުންނާއި ސާވޭތަކުން ހާމަވެފައިވެ އެވެ. ނަމަވެސް އިންޑިޔާގެ އާއިލާތަކުން އަންހެން ދަރިންނާއި ފިރިހެން ދަރިން ތަފާތު ކުރުމުގައި ފިރިހެން ކުދިންގެ ސަބަބުން އާއިލާއަށާއި މަންމައަށް ލިބޭ ބާރާއި ރައްކާތެރިކަން ހިމެނެ އެވެ. އަދި މަންމައަކު ފިރިހެން ދަރިއަކު ވިހެއުމުން މަންމަގެ މަގާމާއި ބާރާއި ނުފޫޒު ފިރިމީހާގެ ކުރިމަތީގަ އާއި މުޅި އާއިލާގެ ތެރޭގައި ވަރުގަދަ ވެގެންދިޔުމާއި ފިރިހެންކުދިންގެ ފަރާތުން އާއިލާއަށް ލިބޭ އާމްދަނިއަކީ ވެސް އިންޑިޔާގެ އާއިލާތަކުން އަންހެންކުދިންގެ މައްޗަށް ފިރިހެންކުދިން އިސްކުރުމުގެ ސަބަބުތަކުގެ ގޮތުގައިވަނީ ފާހަގަ ކުރެވިފައެވެ.

މި ހުރިހާ ސަބަބުތަކާގުޅިގެން ފާއިތުވި 30 އަހަރު ތެރޭގައި 12 މިލިޔަން އަންހެންދަރިން ފީޓަސްގެ ގޮތުގައި ބަނޑުގައި އޮއްވާ ވައްޓާލާފައިވާ ކަމަށް އިންޑިޔާގައި ދާދިފަހުން ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނެއެވެ. އިންޑިޔާގެ އެންޑީޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި މަނެކާ ގާންދީ ވިދާޅުވީ އިންޑިޔާގެ އާބާދީގެ ސެކްސް ރޭޝިޔޯ ގައި އަންހެނުންގެ ނިސްބަތް ފިރިހެނުންނަށް ވުރެ ވަރަށް ބޮޑުތަން ދަށްކަމަށާއި ފާއިތުވި 70 ވަރަކަށް އަހަރުގެ އާބާދީއަށް ބަލާއިރު ވެސް މިކަން ރަނގަނޅުވަމުން ނުދާކަމުގަ އެވެ. ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ ފިރިހެނުންނަށް އަނބިންގެ ގޮތުގައި ބޭނުންވާ ވަރަށް އަންހެނުން އަދަދު މަދުކަމަށާއި މިއީ ވަރަށް ބޮޑު އިޖްތިމާއީ މައްސަލައެއް ކަމަށް މަނެކާ ގާންދީ ވިދާޅުވި އެވެ. މީގެއިތުރުން އަންހެނުން މަދުވުމަކީ އަނބިންނާއި މަންމައިންނާއި ދައްތައިންނާއި މާއިން ވެސް މަދުވުން ކަމަށާއި އަންހެނުން މަދުވުމަކީ ފިރިހެނުންނަށް ވެސް ހުރި ނުރައްކަލެއް ކަމަށާއި އަންހެނުން މަދުވާ މައްސަލާގައި ފިރިހެނުން ވެސް ކަންބޮޑުވާ ކަމަށް މަނެކާ ގާންދީ ވިދާޅުވި އެވެ. (ރޮއިޓާސް)