މާލާ ހައިރައިޒިން ކޮންސްޓްރަކްޝަން ކޮމްޕެނީގައި މަސައްކަތް ކުރި ބިދޭސީ މީހާ ވަޅުލިޔަނުދީ ފުލުހުން ހިފަހައްޓާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ގައި ގުދުރަތީ މަރަކުން މަރުވި މުނީރު މުހައްމަދުގެ މައްސަލައިގައި ހުކުމް ކުރައްވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ، މައްޔިތަކު ވަޅުލުމަށްޓަކައި ފުލުހުންގެ ފަރާތުން ހުއްދަ ހޯދަންޖެހޭ ކަމަށް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބުނެފައިނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އެހެންކަމުން މުނީރު މުހައްމަދު ވަޅުލިޔަ ނުދީ ފުލުހުން ހިފަހައްޓާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

ހައިރައިޒިން ކޮންސްޓްރަކްޝަންސް އިން މި މައްސަލަ ކޯޓަށް ވައްދައި މިއަދު ހުކުމް ކުރުމަށް ނިންމާފައި ވަނިކޮށް ފުލުހުން ވަނީ ކުއްލި ގޮތަކަށް އިއްޔެ މުނީރު ވަޅުލުމުގެ ހުއްދަ ދީފަ އެވެ. އަދި ހަމަ އިއްޔެ އޭނާ ވަނީ ވަޅުލައިފަ އެވެ.