22 Apr 2015, 16:58
ޖެހިޖެހިގެން ތިން ސީޒަންގައިވެސް ލިވަޕޫލަށް ނާކާމިޔާބާ ކުރިމަތިވީ ނަމަވެސް އެޓީމްގެ ކޯޗް ބްރެންޑެން ރޮޖާސް ވަކިކުރުމުގެ ޚިޔާލެއް ލިވަޕޫލްގެ ބޯޑުން ނުގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ލިވާޕޫލްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމުގައިވާ އެޗޯ އިން ބުނެފައިވަނީ ދުރު މުސްތަގުބަލަކަށް ރާވައިގެން ލިވަޕޫލްގެ ޓީމް އެކުލަވާލާއިރު އެޓީމްގެ ޕްލޭންގައި ރޮޖާސް ހިމެނޭ ކަމަށެވެ.
ރޮޖާސްގެ ކޯޗުކަމުގެ ދަށުން މިދިޔަ ތިން ސީޒަންގައިވެސް ލިވަޕޫލަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ބްރެންޑެން ރޮޖާސް: ލިވަޕޫލަށް ޖެހިޖެހިގެން ތިން ސީޒަންގައި ކާމިޔާބު ހޯދައި ނުދެވުނަސް އޭނާ ޓީމްގައި ބަހައްޓަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނޭ --- ފޮޓޯ/ ދަގާޑިއަން
އެހެންކަމުން ރޮޖާސް އަކީ 1950 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ތިން ސީޒަންގައި ލީވަޕޫލަށް ކާމީޔާބު ހޯދައި ނުދެވުނު ހަމައެކަނި ކޯޗެވެ.
މީގެ ކުރިން ޖެހިޖެހިގެން ތިން އަހަރުގައި ލިވަޕޫލަށް ކާމިޔާބު ހޯދައި ނުދެވުނު ކޯޗަކީ 15 އަހަރު ވަންދެން ލިވަޕޯލްގެ ކޯޗްގެ މަގާމު އަދާކުރި އިނގިރޭސި ވިލާތުގެ ޖޯޖް ކޭއެވެ. އޭނާ ލިވަޕޫލްގެ ކޯޗުކަންކޮށްފައިވަނީ 1936 އިން 1951 ވަނަ އަހަރުގެ ނިޔަލަށެވެ.
އެގޮތުން 1947–1948 އަދި 1948-1949 ކޭއަށް ލިވަޕޫލްގެ ޓީމަށް އެއްވެސް މުބާރާތެއްގައި ކާމިޔާބު ހޯދައި ދެވިފައެއް ނުވެއެވެ. 1949-1950 ގެ ސީޒަންގައި އޭނާ ކޯޗުކަމުގެ ދަށުން ލިވަޕޫލް އެފްއޭ ކަޕް ފައިނަލަށް ދަތުރު ކުރި ނަމަވެސް، ފައިނަލް ގައި އެޓީމް ބަލިވީ އާސެނަލް އަތުންނެވެ. އެތާރީޚީ ފައިނަލް މެޗުން އާސެނަލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ރޮޖާސްގެ ކުރިން، 1947 ވަނަ އަހަރުން ފެށިގެން 1950 ވަނަ އަހަރާ ހަމަޔަށް ޖެހިޖެހިގެން ތިން ސީޒަންގައި ޓީމަށް ކާމިޔާބު ހޯދައި ނުދެވުނު އޭރުގެ ކޯޗް ޖޯޖް ކޭ --- ފޮޓޯ/ ލިވަޕޫލް
ރޮޖާސްގެ މޭސްތިރިކަމުގެ ދަށުން މިއަހަރު ލިވަޕޫލަށް އެއްވެސް މުބާރާތެއް ކާމިޔާބުކޮށް ދެވިފައިނުވާއިރު އަންނަ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގަށްވެސް އެޓީމް ކޮލިފައިކޮށް ދެވިފައެއް ނުވެއެވެ.

އެފްއޭކަޕް ސެމީ ފައިނަލް މެޗްގައި ލިވަޕޫލާ އެސްޓަން ވިލާ ބައްދަލު ކުރިމެޗްގެ ތެރެއިން: މިމެޗުން ލިވަޕޫލް ބަލިވީ 2-1 ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ޓީމަށް އިތުރު ކުޅުންތެރިން ހޯދުމަށާއި ޓީމުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ލިވަޕޫލްގެ ބޯޑުން ވަނީ ރޮޖާސްއަށް 75 މިލިއަން ޕައުންޑުގެ ބަޖެޓެއް ހަވާލުކޮށްފައެވެ. ނަމަވެސް އޭނާއަށް ކާމިޔާބު ހޯދައި ނުދެވުމުން އޭނާ ވަކިކުރުމަށް ލިވަޕޫލްގެ ސަޕޯޓަރުން ދަނީ ގޮވަމުންނެވެ.