22 Apr 2015, 16:14
ކޮކާ-ކޯލާ ލީގު ފައިވް ފުޓްސެލް ޗެލެންޖުގެ ފުރަތަމަ މުބާރާތުގައި، ރޭ ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ސްކޯޕިއަން އާއި ސެނޮން ފެށުން ރަނގަޅުކޮށް، ގްރޫޕް 'އޭ' ގައި ކުޅުނު ދެ ވަނަ މެޗު ކާމިޔާބުކޮށް، ސީލޭންޑް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
މާފަންނު ސްޓޭޑިއަމް ފުޓްސެލް ދަނޑުގައި ރޭ ކުޅުނު ގްރޫޕް 'ޖީ'ގެ މެޗުގައި ސްކޯޕިއަންއާ ދެކޮޅަށް ވާދަކޮށްފައި ވަނީ ޔޫތު އެކްސް އެވެ. އެ މެޗު ސްކޯޕިއަން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްކޯޕިއަންގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އެ ޓީމްގެ މުހައްމަދު ނައުފަލް އެވެ.
ނައުފަލްގެ އިތުރުން މެޗުގައި ސްކޯޕިއަންގެ ބާކީ ދެ ލަނޑު ކާމިޔާބު ކުރީ އިސްމާއިލް ޒާހިރު އާއި މުހައްމަދު އަޖުމަދެވެ. ރޭގެ މެޗުގައި ޔޫތު އެކްސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނާޝިދު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކޯޕިއަންގެ ހުސެއިން ޒުހޫރު އެވެ.
ރޭ މުބާރާތުގެ ގްރޫޕް 'އެޗް'ގައި ސަންތަރާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗު ސެނޮން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސެނޮންގެ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޝުއައިބް ޒާހިރު އާއި އާދަމް ނަޝްވާން އަދި މުހައްމަދު އަންވަރެވެ. އަދި މެޗުގައި ސަންތަރާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިރުޝާދު އަދުނާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެނޮންގެ ޝުއައިބެވެ.
އޭގެ އިތުރުން މުބާރާތުގައި ރޭ ކުޅުނު ގްރޫޕް 'އޭ'ގެ ދެ ވަނަ މެޗު އެފްސީ ރޭވަރާ ވާދަކޮށް ސީލޭންޑް ފަސޭހަކަމާއެކު ކާމިޔާބު ކުރީ 11-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސީލޭންޑުގެ މުހައްމަދު އަޔާޒް އާއި އަބްދުﷲ މުއާޒް ވަނީ ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހަދާފަ އެވެ. އޭގެ އިތުރުން އެ ޓީމްގެ ހުސެއިން ސަވީލް އާއި ހަސަން ސުފިޔާން ކޮންމެ ކުޅުންތެރިއަކު ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ސީލޭންޑުގެ ބާކީ ލަނޑު އެ ޓީމްގެ ހުޒައިފަތު ރަޝީދު ކާމިޔާބު ކުރިއިރު، މެޗުގައި އެފްސީ ރޭވަރަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމްގެ އިބްރާހިމް ސޮފްވާން އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީލޭންޑްގެ މުހައްމަދު އަޔާޒް އެވެ.
އެ މެޗުގެ ނަތީޖާއާއެކު ސީލޭންޑް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައި ވާއިރު، އަދި މިހާތަނަށް އެ މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުވި ހަމައެކަނި ޓީމަކީ އެ ޓީމެވެ. އެ ޓީމް ދަ ގްރާންޑޭ އެމީގޯސްއާ ދެކޮޅަށް ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު ވެސް ވަނީ ފަސޭހަ ކަމާއެކު 6-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ. މުޅިއެކު 24 ޓީމް ބައިވެރިވެފައިވާ އެ މުބާރާތް ކުރިއަށް ގެންދަނީ ޓީމްތައް އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.