ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ އެކަމަށް ރައްކާތެރި ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭ އިން ނެރެފައިވާ ހެލްތު އެލާޓްގައި ބުނެފައި ވަނީ މިދުވަސްވަރު މާލެ އާއި އަތޮޅު ތެރޭގައި އެބަލި ފެތުރެމުންދާކަން އެ އެޖެންސީ އަށް ލިބޭ ރިޕޯޓުތަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެބަލި އާންމުކޮށް ޖެހެނީ އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށްވާތީ ހާއްސަކޮށް ޕްރީ ސްކޫލްތަކުގައި ކިޔަވާ ކުދީންނާއި އާންމުކޮށް ސްކޫލްތަކުގެ ގްރޭޑް އެކެއް އަދި ދޭއްގައި ކިޔަވާ ކުދީންގެ މެދުގައި އެބަލި ފެތުރިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެ އެޖެންސީ އިން އަދި ބުނީ ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔައިން އެއްކުއްޖެއްގެ ގައިން އަނެއްކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ. ބަލިޖެހުމުން ފެންނާނެ އަލާމާތަކީ ހުންއައުމާއި ކާހިތްނުވުމާއި ވަރުބަލިވުން އަދި ގައިގައި ރިއްސުމާ އެކު ކަރުތެރެފާރުވުން ފަދަ އަލާމާތްތަކެވެ.

އީޕީއޭ އިން ބުނީ އެބަލިން ރައްކާތެރިވުމަށްޓަކައި އެބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމާއި އެކުއްޖަކު ގެންގުޅޭ ތުވާލި ތަށި އަދި ކުޅޭއެއްޗެހި ފަދަ ތަކެތި ތަކެތި ރަނގަޅަށް ދޮވެ ސާފުކޮށްގެން ނޫނީ އެހެން ކުދިން ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި ކުދީންގެ ސާފު ތާހިރުކަމާއި އުޅޭ ސަރަހައްދުގެ ސާފުތާހިރުކަމާއި ބޭނުންކުރާ ފާހާނާތަކުގެ ސާފުތާހިރުކަން ފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ވެސް އީޕީއޭ އިން އެދެ އެވެ. އަދި ބަލިޖެހިފައި ތިބޭ ކުދިންނަށް ކުލި އަދި ހޫނުކޮށް ހުންނަ ކާބޯތަކެތި ނުދިނުމަށް ވެސް އީޕީއޭއީން ވަނީ އެދިފަ އެވެ.