އޭއެފްސީ 14 އަހަރުން ދަށުގެ އަންހެން ރީޖަނަލް މުބާރާތުގައި ރާއްޖެ ކުޅުނު އެންމެ ފަހު މެޗުން އީރާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ އެވެ.

މިއަދު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވެފައި ވަނީ 18-0 ގެ ނަތީޖާއަކުންނެވެ. މުޅިން އަލަށް އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން އަންހެން ޓީމު މިހާރު އެ މުބާރާތުން ކަޓާފައިވާއިރު، ރާއްޖެ ޓީމަށް ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މިއަދު އީރާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރާއްޖެ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ/ ގޯލް ނޭޕާލް

މިއަދުގެ މެޗުގެ ދެ ހާފުން ކޮންމެ ހާފެއްގައި އިރާން ވަނީ ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމްގެ ފޯވާޑް ފާތިމާ ގާސިމީ ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހާފައި ވާއިރު، އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފްގައި ދެ ލަނޑު އަދި ދެވަނަ ހާފްގައި ތިން ލަނޑު ކާމިޔާބު ކޮށްފައެވެ.

ފާތިމާގެ އިތުރުން، އީރާންގެ ފޯވާޑް ގޮލްނޫޝް ޚުސްރުވީ މެޗުގައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، އެ ޓީމްގެ ޑިފެންޑަރު ހަނިއާ ޚޮދަޕަރަސްތީ ވަނީ މެޗުގައި ހެޓްރިކެއް ހަދާފައެވެ. އޭގެ އިތުރުން އީރާންގެ ޑިފެންޑަރު ސަބާ ޖަވާދިއްޔާ ވަނީ މެޗުގައި އެޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އީރާންގެ ބާކީ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ފާތިމާ ތަހަމަސީބިޔާ އާއި ކިއާނާ އާއި މަރިޔަމް މުހައްމަދީ އަދި ބަދަލު ކުޅުންތެރިޔާ މުބީނާ އިއުތިމާދު އެވެ. އެއިން ކޮންމެ ކުޅުންތެރިއަކު ވަނީ މެޗުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. ބޮޑު ތަފާތަކުން ރާއްޖެ ބަލިކުރުމަށް ފަހު، އިރާން މިހާރު ވެފައި ވަނީ އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމަށެވެ.

މިއަދު އީރާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރާއްޖެ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ/ ގޯލް ނޭޕާލް

މި މަހުގެ 20 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޭއެފްސީ 14 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެގެ އަންހެން ޓީމު ވާދަކޮށްފައި ވަނީ އޭއެފްސީ ސައުތު އެންޑް ސެންޓްރަލް ޒޯންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް އިރުޝާދު ދީފައި ވަނީ މިދިޔަ އަހަރު މުޅިން އަލަށް ރާއްޖޭގެ ސީނިއަރ އަންހެން ޓީމަށް ކޯޗުކަން ކޮށްދޭން ގެނައި ތަޖުރިބާކަރު ޖަޕާނު ކޯޗް ނައޯކޯ ކަވަމޯޓޯ އެވެ. ނަމަވެސް ނައޯކޯ 14 އަހަރުން ދަށުގެ ޓީމާ ހަވާލުވެފައި ވަނީ މުބާރާތް ފެށުމުގެ ގާތްގަނޑަކަށް ތިން ހަފްތާ ކުރިންނެވެ.