22 Apr 2015, 20:18
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކެމްޕަސްތަކާއި ޔުނިވާސިޓީގެ މައި މަރުކަޒު ޑިޖިޓަލްކޮށް ގުޅުވާލައިގެން ކިޔަވައިދިނުމަށް ދިރާގާއެކު އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ.
ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގަައި ސޮއިކުރެއްވީ، ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދެވެ. ލައިވް ޓީޗިން އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދެވެ.
ގައުމީ ޔުނިވާސިޓީން ބުނީ މަތީ ތައުލީމް ހާސިލު ކުރުމަށް ބޭނުންވާ ގިނަ ފަރާތްތަކެއް ދިރިއުޅެނީ އަތޮޅުތެރޭ ރަށްރަށުގައި ކަމަށްވުމުން އެ ވެވުނު އެއްބަސްވުމުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކެމްޕަސްތަކަށް ލެކްޗަރާސް ފޮނުވުމަށް ހޭދަވާ ހަރަދު ކުޑަކޮށް ވީޑިއޯ ކޮންފަރެސްގެ އެހީގައި ވަގުތުން ވަގުތަށް ކްލާސްތައް ނަގައިދެވޭނެ ކަމަށްވެސް ޔުނިވާސިޓީން ވަނީ ބުނެފައެވެ.
އެ ޕްރޮގްރާމަކީ ދިރާގުގެ "ކޯޕަރޭޓިވް ސޯޝަލް ރެސްޕޮންސިބިލިޓީ" (ސީއެސްއާރު) ގެ ދަށުން ހިންގާ މަޝަރޫއެއް ކަމަށް ވުމާއެކު ލައިވް ޓީޗިން ސޮލިއުޝަން ނިޒާމް ފަރުމާ ކޮށްދޭނީ ދިރާގުގެ ހިލޭ އެހީގެ ދަށުންނެވެ.
އެ ޕްރޮޖެކްޓަށް ބޭނުންވާ ހާޑްވެއާގެ އެހީތެރިކަމާއި ފަންނީ ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ވެސް ދިރާގުންނެވެ.