ވާރލްޑް ބޭންކުން ރާއްޖެއަށާއި ލަންކާއަށް އަލަށް ކަނޑައެޅުއްވި ކަންޓްރީ ޑައިރެކްޓަރ ޑިއަރީޓޫ ގޭ އާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ވާރލްޑް ބޭންކާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަން ބަޔާންކުރައްވައި، ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވެގެން ދިޔަ ދަނޑިވަޅުގައި، ވާރލްޑް ބޭންކުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވި ކަމަށެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ބެހޭގޮތުން ވާރލްޑް ބޭންކުން ދެއްވި ލަފާފުޅާއި ފަންނީ އެހީތެރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި ކަމަށް ވެސް ބުންޏެވެ.

ރައީސްގެ ވާހަކަފުޅުގައި، ވާރލްޑް ބޭންކުން ރާއްޖެއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ކަންޓްރީ ޑައިރެކްޓަރ ނައޮކޯ އިޝީގެ ފަރާތްޕުޅުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ސަރުކާރަށް ލިބިވަޑައިގެންނެވި ލަފާފުޅުތަކަށްޓަކައި ނައޮކޯ އިޝީއަށްވެސް ޝުކުރު އަދާކުރެއްވި އެވެ. މީގެއިތުރުން، ވާރލްޑް ބޭންކާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ބަލަހައްޓާ ކްލައިމެޓް ޓްރަސްޓް ފަންޑުން، ރާއްޖެއަށް އިތުރު އެހީތެރިކަން ހޯއްދެވުމާއި، އެ އެހީތެރިކަން މިހާރަށްވުރެ ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގައި އަލަށް ތަޢާރަފްކޮށްފައިވާ މޯބައިލް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާ ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ރައީސް ފާހަގަކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަދި ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ ތަރައްޤީގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި، ނަރުދަމާގެ ޚިދުމަތް ޤާއިމް ކުރެއްވުމާއި، މަގުހެއްދެވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، މި މަޝްރޫޢުތަކަށް ވާރލްޑް ބޭންކުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާރކް ސަމިޓްގައި، ވާރލްޑް ބޭންކުގެ ބައިވެރިވުން އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެމުންދާ ދިޔުމާއި، އެކަމުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި، ވާރލްޑް ބޭންކުގައި ކަންޓްރީ ޑައިރެކްޓަރ ޑިއަރީޓޫ ގޭ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އިސްކަން ދެއްވާ މަޝްރޫޢުތައް ހިންގެވުމުގައި ވާރލްޑް ބޭންކުގެ ބައިވެރިވުން އިތުރުކުރެއްވެން ހުރި ގޮތްތައް ބައްލަވާނެ ކަމަށާއި، ސަރުކާރާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.