22 Apr 2015, 13:49
ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ސައިކަލާއި ފޭރާމުން ނަގަމުން އަންނަ ޑިއުޓީ ކުޑަކޮށް، މި މަހުން ފެށިގެން އެ ބާވަތްތަކުން ބޮޑުކޮށްފައިވާ ޑިއުޓީ އަބުރާ ރުޖޫއަ ކުރަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިންޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ އިއްތިފާގުންނެވެ. މި މަހުން ފެށިގެން 150 ޕަސެންޓަށް ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ޑިއުޓީ ނަގަމުން އައީ 100 ޕަސެންޓުގަ އެވެ.
ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ބިލްގައިވެ އެވެ.
އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާ ގޮތަށް ކުރިން ފާސްކޮށްފައި އޮތްނަމަވެސް، ބިލްގައި ވަނީ އެ އަދަދު 100 ޕަސެންޓަށް ތިރިކޮށްފަ އެވެ.
އެ ބިލްގައި ވަނީ ނިޓްކޮށްފައި ނުވަތަ ކްރޯޝޭ ކޮށްފައި ހުންނަ ތައްޔާރީ ހެދުމާއި ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗިހިން އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.
ނުކުޅެދޭ މީހުންނަށް ޚާއްސަކޮށްގެން ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗިއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗިހި އަދި އެތަކެތީގެ ބައިތަކުން ނަގަންޖެހޭނީ ފަސް ޕަސެންޓުގެ ޑިއުޓީއެއް ކަމަށް އެ ބިލްގައިވެ އެވެ.
ޖަމީލް ވިދާޅުވީ އެބިލަކީ ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ ޖީބަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ހުށަހެޅި ބިލެއް ކަމަށެވެ.
އޭނާ ވިދާޅުވީ އަންނައުނުގެ ބާވަތްތައް ފަދަ ޒަރޫޒީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތަކުން ޑިއުޓީ މާފްކޮށް، އަދި ސައިކަލް ފަދަތަކެތިން ޑިއުޓީ ކުޑަކުރަން ހުށަހެޅީ ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.