22 Apr 2015, 13:25
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ނުދޭ ކްލިނިކަކުން އާސަންދައިގެ ޚިދުމަތް ނުދެވޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އާއިލީ ޑޮކްޓަރުންގެ ޚިދުމަތުގައި އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަށް ބައިވެރިވާނެ ގޮތް ކަނޑައަޅައި ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އާއިލީ ޑޮކްޓަރަން ދެއްކުމަށް އަމިއްލަ ހޮސްޕިޓަލް ނުވަތަ ކުލިނިކުތަކުން އާސަންދައިން ކަވާ ކުރާ އަދަދަށްވުރެ އިތުރަން ބަލިމީހާގެ އަތުން ނެގޭނީ ގިނަވެގެން ފަންސާސް ރުފިޔާ ކަމަށެވެ.
ޕްރައިވެޓް ކްލިނިކްނިކްތަކުން އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް ބައިވެރިވެވޭނީ އެކަމަށް އެދި ހެލްތު މިނިސްޓްރީއަށް ހުށަހަޅައި އެއްބަސްވުމެއް ހަދައިގެންނެވެ.
ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން އާއިލީ ޑޮކްޓަރުންގެ ޚިދުމަތުގައި ބައިވެރިވާ ކްލިނިކްތަކަކީ މިނިސްޓްރީ އޮފް ހެލްތުގައި ގަވާއިދުން ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލިނިކްތަކަށް ވާންޖެހޭނެ އެވެ. އަދި ކްލިނިކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އެހެނިހެން ސިއްހީ ޚިދުމަތްތެރިންނަކީ އެބޭފުޅުންގެ ޕްރޮފެޝަނަކާ ގުޅޭ ކައުންސިލް ނުވަތަ ބޯޑުގައި ރަޖިސްޓްރީކޮށްފައިވާ އަދި އެ ކްލިނިކެއްގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ސިއްހީ ޚިދުމަތްތެރިއަކަށް ވެސް ވާން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޚާއްސަކޮށް ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން އާއިލީ ޑޮކްޓަރުންގެ ޚިދުމަތަށް އެދޭ މީހުން ރަޖިސްޓްރީ ކުރާނީ އެ ކްލިނިކެއްގައި އާއިލީ ޑޮކްޓަރެއެއްގެ ގޮތުގައި މަސައްކަތް ކުރާ ޑޮކްޓަރަކަށެވެ. އެގޮތުން ކޮންމެ ޑޮކްޓަރއަކަށް ރަޖިސްޓްރީ ކުރެވޭނީ ގިނަވެގެން 2500 މީހުންނަށްކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ މީހެއްގެ އާއިލީ ޑޮކްޓަރަށް ދެއްކުމަށް ފަހު ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް ރިފާ ކޮށްގެން ނޫން ގޮތަކަށް ޚާއްސަ ޑޮކްޓަރަށް ދައްކާ ބަލި މީހަކަށް އާސަންދައި ގެ ޚިދުމަތެއް ނުލިބޭނެ ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކުގައި ސަރުކާރު ހޮސްޕިޓަލުތަކުން އާއިލީ ޑޮކްޓަރުންގެ ޚިދުމަތް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.