ތ. ވިލުފުށީ މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޖަބީން ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ އަތޮޅު މަޑިފުށީ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ގެންދިއުމުން ކަމަށެވެ.

ވިލިފުށީ ކައުންސިލްގެ ރައީސް ހައްޔަރު ކުރީ އެ ރަށުގައި މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންގެ މަސައްކަތަށް ހުރަސް އަޅައި އެމީހުން ބޭނުންކުރާ އޮފީހަށް ވަދެ އޮފީހުގައި ތިބި މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް ހަޅޭއްލަވައި ހެދުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވިލުފުށީގައި މަގުހެދުމުގެ މަސައްކަތް ކުރަމުން އަންނަ ރޯޑު ޑެވްލޮޕްމަންޓް ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ މަގުހެދުމުގެ މަސައްކަތަށް ކައުންސިލްގެ ރައީސް ހުރަސް އެޅީ އެއީ ސަރުކާރުން ކުރާ ކަމަކަށް ވާތީ ކަމަށެވެ.

ނަމަވެސް އެ ރަށު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިލުފުށީގައި މަގު ހެދުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް އެ ރަށު ކައުންސިލްގެ ރައީސް ޖަބީން ހުރަސް ނާޅުއްވާ ކަމަށެވެ. އަދި އެ ރަށުގައި ހުރި ނިކަ ގަހެއް ނަގައި އަންދާލި މައްސަލައަކާ ގުޅިގެން ޖަބީން އާއި އެހެން ކައުންސިލަރަކު އެމްއާރްޑީސީގެ ސައިޓް އޮފީހަށް ވަޑައިގެން ސައިޓް މެނޭޖަރާ ސުވާލު ކުރެއްވި ކަމަށާއި އެމްއާރްޑީސީ އިން އެކަން ކޮށްފައި ވަނީ ރަށުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މަގުސަދުގައި ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.