23 Feb 2011, 17:50
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޓަރޕޯލްގެ ޕްރެސިޑެންޓް، މިސްޓަރ ކޫ ބޫން ހުއިއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އޮނިގަނޑު އިތުރަށް ފުރިހަމަ ކުރުމުގައި، އިންޓަރޕޯލުން އެހީތެރިކަން ފޯރުއްވައިދެއްވިދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއިން މިވަގުތު އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ދާއިރާތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، މި ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމާއި، މަނީ ލޯންޑަރިންގއާއި، ކޮރަޕްޝަނާއި، މަސްތުވާތަކެތީގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ސަލާމަތާބެހޭ އޮނިގަނޑު އިތުރަށް ތަރައްޤީ ކުރުމުގައި، މި ކަންކަމާ ދެކޮޅަށް އެންމެ ފުރިހަމަ ގޮތެއްގައި މަޝްވަރާކޮށް، ހަރަކާތްތެރިވެވޭނެ ގޮތްތަކެއް އެކަށައެޅުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙައްމަދު ޝިހާބާއި، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަޞީޙު
ބައިވެރިވެވަޑައިގެންނެވިއެވެ.