22 Apr 2015, 11:14
ލީބިޔާ ދޫކޮށް ޔޫރަޕަށް ހިޖުރަކުރަން މަސައްކަތް ކުރި 900 އަށް ވުރެ ގިނަ މީހުންނާއެކު ބަންޑުން ޖަހައިލި ބޯޓުގެ ކެޕްޓަނާއި ފަޅުވެރިން އިޓަލީގައި ހައްޔަރުކޮށްފި އެވެ.
ބަންޑުން ޖަހައިލި ބޯޓްގެ ކެޕްޓަނަކަށް ހުރި ޓިއުނީޝިއާ މީހަކާއި ފަޅުވެރިއަކަށް ހުރި ސީރިޔާ މީހަކު އިޓަލީ ފުލުހުން ހައްޔަރު ކުރީ އެ މީހުންގެ އިހުމާލުން މީހުން މަރުވި ކަމުގެ ދައުވާ އާއި ގަވައިދާ ހިލާފަށް ހިޖުރަ ކުރުމަށް އެހީތެރިވެދިން ކަމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހުގަ އެވެ.
މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާގައި ބޯޓުން ދަތުރުކުރި 900 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް ބެލެވިފައި ވާއިރު ކެޕްޓަނާއި ފަޅުވެރިޔާ ހިމެނުނީ ސަލާމަތްވީ 27 މީހުންގެ ތެރޭގަ އެވެ. އިޓަލީ ފުލުހުން އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ސަލާމަތްވި މީހުން އިޓަލީއަށް ގެނައި އުޅަނދުގައި ތިއްބަ އެވެ.
ހާދިސާ ހިނގީ އިޓަލީ އާއި ގާތްގަނޑަކަށް 120 މޭލު ދުރުން ލީބިޔާގެ ކަނޑުގެ ސަރަހައްދުގަ އެވެ.
ލީބިޔާއިން ޔޫރަޕަށް ހިޖުރަކުރަން އުޅުނު ބަޔަކު ދަތުރުކުރި ބޯޓެއް މިދިޔަ ހަފުތާގައި ވެސް ވަނީ ބަންޑުން ޖަހާލާފަ އެވެ. އެ ހާދިސާގައި 400 މީހުން މަރުވެފައިވާނެ ކަމަށް ވަނީ ބެލެވިފައެވެ. (އޭޕީ)