ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގްގައި 6-1 ގެ ބޮޑު ތަފާތަކުން ޕޯޓޯގެ މައްޗަށް ކާމިޔާބު ހޯދައި 7-4 ގެ އެގްރިގޭޓް ނަތީޖާ އަކުން މޮޅުވެ ބަޔާން މިޔުނިކް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ލެގް އަމިއްލަ ދަނޑުގައި ކުޅެ ޕޯޓޯއިން 3-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ދެވަނަ ލެގްގެ ފުރަތަމަ 22 މިނެޓް ތެރޭގައި ބަޔާނުން ވަނީ ޕޯޓޯގެ ނަތީޖާއާ އެއްވަރުކޮށްފައެވެ. އެއްވަރުކޮށްދިން ދެ ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކެންޓްރާއާއި ޖަރުމަންގެ ޑިފެންޑާ ޖެރޯމް ބޯޓިންގއެވެ.

ފުރަތަމަ ހާފުގައި ބަޔާންގެ ފަސް ލަނޑު ކާމިޔާބު ކުރިއިރު އެޓީމްގެ ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލޮވެންޑެސްކީ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަންގެ މިޑްފީލްޑާ ތޯމަސް މުލާއެވެ. މިމެޗްގައި ބަޔާންގެ އެންމެ ފަހު ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްޕޭންގެ ޒާބީ އޮލޮންސޯއެވެ.

ބަޔާންގެ ހަ ވަނަ ލަނޑު ޖެހުމަށް ފަހު ޒާބީ އެލޮންސޯ އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

ޕޯޓޯއިން މިމެޗްގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ކޮލަމްބިއާގެ ޖެކްސަން މާޓިނޭޒްއެވެ.

ޕޯޓޯގެ ޖެކްސަން މާޓިނޭޒް އަތުން ބޯޅަ ހޯދުމަށް ބަޔާންގެ ޖަރުމަން ޑިފެންޑަރު ހޮލިގާ ބަޓްސްޓްބާ މަސައްކަތް ކުރަނީ --- ފޮޓޯ/އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ބާޔާންގެ ކޯޗް ޕެޕްގާޑިއޯލާ ބުނެފައިވަނީ އެޓީމުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި ބޯޅައިގެ ކޮންޓްރޯލް ހޯދައި ކުރިއަށް ހުރި މެޗްތަކުގައި އެކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"އަދިވެސް އަހަރުމެން ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި. މެޗްގެ އެކި ހިސާބުތަކުން އަހަރެމެންނަށް ބޯޅައިގެ ކޮންޓްރޯލް ވަނީ ގެއްލިފައި. ކުރިއަށް ހުރި މެޗްތަކުގައި އެކަންކަން ރަނގަޅު ނުކޮށް އަހަރުމެންނަކަށް ހަމަޖެހުމެއް ނުލިބޭނޭ،" ގާޑިއޯލާ ބުންޏެވެ.

ބަޔާންގެ ކުޅުންތެރިންނަށް އެޓީމްގެ ކޯޗް ޕެޕްގާޑިއޯލާ އިރުޝާދު ދެނީ: އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަމަށް އޭނާ ބުނޭ --- ފޮޓޯ/ އޭޕީ

ޕޯޓޯގެ ކޯޗް ޖޫލިއަށް ލެޕްޓިގިއު ބުނީ މެޗުން ބަލިވީ ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވިގެން ކަމަށެވެ. އަދި މިމެޗުން ޕޯޓޯގެ ކުޅުން ދަށް ވުމުން އެކަމުގެ ޒިންމާ އޭނާ ނަގާކަމަށް ވެސް ޖޫލިއަށް ލެޕްޓިގިއު ބުންޏެވެ.

ސެމީފައިނަލް މެޗްގައި ބަޔާން ބައްދަލު ކުރާނީ މިރޭ އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ މޮނާކޯ ކުޅޭ ދެ ވަނަ ލެގް މެޗުން ނިކުންނަ ނަތީޖާއަކުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިދެޓީމް ކުޅުނު ފުރަތަމަ ލެގުން 1-0 ގެ ނަތީޖާއަކުން މޮޅުވީ ޔުވެންޓަސްއެވެ.

މިމެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ 11:45 ގައެވެ.