ސައުތު ކޮރެއާގައި ފެރީއެއް ބަންޑުންޖަހާލައި 300 މީހުން މަރުވި ހާދިސާ ހިނގިތާ އެއް އަހަރު ފަހުން ފެރީ ކަނޑު އަޑިން ނެގުމުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ސައުތު ކޮރެއާ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

އެ ހާދިސާގައި ގިނައިން މަރުވެފައި ވަނީ ކުޑަކުދީންނެވެ.

ފެރީ އަޑިން ނެގުމަށް ސަރުކާރުން ނިންމީ، އެ ފެރީގައި މަރުވި މީހުންގެ އާއިލާ އިން ކުރި ޕްރެޝަރުތަކާ ގުޅިގެންނެވެ. ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަގުތައް މަތީގައި ކުރި މުޒާހަރާތަކާ ދެކޮޅު ހެދުންތަކާ ގުޅިގެންނެވެ. އެ ދެކޮޅު ހެދުންތަކާ ގުޅިގެން ރައިޓް ފުލުހުންނާ ކުރިމަތިލާން ޖެހި، ޕެޕާ ސްޕްރޭ އާއި ފެން ހޮޅީގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ކޮރެއާގެ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އިން ބުނީ މިދިޔަ އަހަރުގެ އެޕްރީލު މަހު 16 ވަނަ ދުވަހު އަޑިއަށް ދިޔަ ފެރީ މޫދު އަޑިން ނެގުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެއްޓޭނެ ކަމަށެވެ.

ސަތޭކަ ތިރީސް ފޫޓު އަޑީގައި އޮތް 6825 ޓަނުގެ ބޯޓު ނެގުމަކީ ޓެކްނިކަލް ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމެއްކަމަށް އޮތޯރަޓީ އިން ބުނެ އެވެ. އޮފް ޕަބްލިކް ސޭފްޓީ މިނިސްޓްރީ އިން ބުނީ ބޯޓް ނެގުމަށް 90 މިލިއަން ޑޮލަރާއި 140 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި އެ ކަމަށް ދޮޅު އަހަރު ދުވަސް ހޭދަވާނެ ކަމަށެވެ.

އޯވާލޯޑްވާ ވަރަށް މީހުން އަރުވައިގެން ދަތުރު ކުރި ފެރީ ބަންޑުން ޖަހާލައި އަޑިއަށް ދިޔަ އިރު އޭގެ އިން 476 މީހުން ދަތުރު ކުރި އެވެ. އޭގެ ތެރޭގައި 325 އަކީ ހައި ސްކޫލް ދަރިވަރުންނެވެ. ހަތްދިހަ ފަސް ކުދިން ސަލާމަތްވި އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރެ އިން 295 މީހުންގެ ހަށިގަނޑު ނެގުނެވެ.

މައުލޫމާތު: ފްރާންސް 24