22 Apr 2015, 10:47
ރައްޔިތުންގެ މަޖިލިސް ކުރާ މާލަމުގައި ސެކިއުރިޓީން ބައިތިއްބައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ. މިއަދުގެ ޖަލްސާ ފެށުމާއެކު މީޑިއާތަކަށް ލައިވް ފީޑު ވެސް ވަނީ ދޫކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާތައް ލައިވް ކުރަން ފަށާފައި މި ވަނީ މަޖިލީހުގެ ގޯތިތެރެއަށް ދުންމާރ ިއާއި ތާޅަފިލި ފަދަ އެއްޗެއްހި ނުވެއްދޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައި ވަނިކޮށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އިދާރީ މޭޒު ކައިރި ތިބެގެން އިހުތިޖާޖުކޮށްފަ އެވެ. އަދި މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވާ މެމްބަރުން ވާހަކަފުޅަށް ހުރަސް އެޅޭ ގޮތަށް އެމްޑީޕީގެ މެމްބަރުން ވަނީ އިހްތިޖާޖުކޮށްފަ އެވެ.
މީގެ ކުރިން އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލިސް ތެރޭގައި ދުންމާރި ފަދަ އަޑުގަދަކުރާ ޒާތުގެ އެއްޗެއްހި ބޭނުންކޮށްގެން މަޖިލީހުގައި އިހުތިޖާޖު ކޮށްފަ އެވެ. ބައެއް ދުވަސް ދުވަހު މަޖިލީހުގެ އިދާރީ މޭޒާއި ރިޔާސަތު ވެސް އެމްޑީޕީ މެމްބަރުން ހިސޯރަކޮށްފައިވެ އެވެ.
މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސްކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. އިސްލާހަށް ސަރުކާރުގެ މެމްބަރުން ވާހަކަ ދައްކަވަމުން ދިޔަ ވަގުތު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެ މެމްބަރުން ކައިރީގައި ތިބެ އަޑުގަދަކޮށްފަ އެވެ. ނަމަވެސް މެމްބަރުން ވަނީ އެ އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރައްވާފަ އެވެ.
މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފެށިގެން އެމްޑީޕީގެ މެމްބަރުން އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖު ކުރަމުން ނެވެ.