އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތް ކުރުމަށް އެ ޕާޓީ އިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން ކޮންމެވެސް ފަރާތަކުން ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަކީ މުހިންމު ކަމެއް ކަމަށް، އެމްޑީޕީ އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ ރައީސް ނަޝީދު ޖަލަށް ލުމަކީ އެމްޑީޕީ އަށާއި ގިނަ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ފުން ހިތާމައެއް ކަމަަށެވެ. އަދި ނަޝީދުގެ މައްސަލާގައި ކުރިއަށް ދިއުމަށް ކޯޓުގައި ދެ މަރުހަލާ އެބަ އޮތް ކަމަށާއި މައްސަލަ އިސްތިއުނާފު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ނަޝީދު ސަލާމަތް ވާނެ ކަމަށް. އަދި ދެ ކޯޓު މަރުހަލާ އެބަ އޮތް. ކޯޓަށް ވެސް މި މައްސަލަ ހުށަހަޅައިގެން އިސްތިއުނާފު ކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ޝަރީފު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ގިނަ މެންބަރުން މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުނު ވަގުތު ރިޔާސަތު ކައިރީ ކޮޅަށް ތިބެ އަޑުގަދަކުރަމުން ދިޔަ ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު ޝަރީފު ވަނީ އެމްޑީޕީ މެންބަރުންގެ އިހުތިޖާޖުގައި ބައިވެރި ނުވެ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވާފަ އެވެ.

ބަދަލުހިފުމާއި ހަސަދަ އާއި ނަފްރަތުގެ ތެރެއިން ކަންކަން ކުރުމުގެ ބަދަލުގައި ރައީސް ނަޝީދު ޖަލުން ސަލާމަތް ކުރުމަށް ސަރުކާރާއި އެމްޑީޕީއާ ދެމެދު މަޝްވަރާ ކުރުމަށް ޝަރީފު ވަނީ ގޮވާލާފަ އެވެ. އަދި ރައީސް ނަޝީދު ޖަލުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކޮށްދެއްވައި، އެކަމަށް އަމަލީ ސިފައެއް ގެނެސްދިނުމަކީ "ގައުމުގެ މަސްލަހަތު އަމާންކަމަށް ފަހިވެގެންދާނެ ކަމެއް" ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ވަރަށް ގިނަ ރައްޔިތުންގެ ސަޕޯޓު އޮތް ޕާޓީއެއް، ރައީސް ނަޝީދު ޖަލަށް ލުމަކީ ވަރަށް ގިނަ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފުން ހިތާމަ އެއް. އެހެންވީމާ ސަރުކާރާއި ހުރިހާ މުއައްސަސާތަކުން ފުންކޮށް ވިސްނާ ވަޑައިގަތުމަކި އަޅުގަނޑު އެދޭކަމެއް." ޝަރީފު ވިދާލުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަަލަ އަދި މިހާތަނަށް އެއްވެސް ކޯޓެއްގައި އިސްތިއުނާފުކޮށްފަ އެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ގޮވާލައްްވާފައި ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށެވެ.