ރިޔާޒް (އެޕްރީލް 22) : "ފާމްނެސް ސްޓޯމް"ގެ ނަމުގައި ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގައި ހިންގަމުން ގެންދިޔަ ވައިގެ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެނައިކަން އިއުލާން ކުރުމުން އދ. އާއި ދުނިޔޭގެ ބައެއް ގައުމުތަކުން އެ ކަމަށް މަރްޙަބާ ކިޔައިފި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރްޖަމާނަކު ވިދާޅުވީ މިއީ ރަނގނޅު ނިންމުމެއް ކަމަށާއި ބައިނަލް އަގްވާމީ މުޖްތަމައުގެ އެދުމަށް ސައޫދީން އިޖާބަ ދީފިކަމުގަ އެވެ. ވައިޓް ހައުސްގެ ތަރްޖަމާން ވެސް ވަނީ ޙަމަލާތައް ހުއްޓާލުމަށް ސައޫދީ ސަރުކާރުން ނިންމި ނިންމުމަށް މަރްޙަބާ ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ. ސައޫދީން ޔަމަނަށް ދެމުންގެންދިޔަ ވައިގެ ޙަމަލާތަކަށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ އަދި ހޫޘީންނަށް އެހީވާ ކަމަށް ތުހުމަތު ކުރެވޭ އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނާ މަރްޟިއްޔާ އަފްޚަމް ވިދާޅުވީ ޙަމަލާތައް ހުއްޓާލުމަކީ ސައޫދީ ސަރުކާރުން އެޅި ރަނގަނޅު ފިޔަވަޅެއް ކަމުގައެވެ. އަދި ޔަމަންގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތް ކޮށްދިނުމަށް ސައޫދީންގެ ކިބައިން އެދޭ ކަމަށް ވެސް މަރްޟިއްޔާ ވިދާޅުވި އެވެ. މީގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުން ވެސް ވަނީ ޙަމަލާތައް ހުއްޓާލުމުން މަރްހަބާ ކިޔާފަ އެވެ.

ސައޫދީ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ފާމްނެސް ސްޓޯމް"ގެ ނަމުގައި ޔަމަންގެ ހޫޘީ ޖަމާއަތާ ދެކޮޅަށް ދެމުންގެންދިޔަ ވައިގެ ޙަމަލާތައް ހުއްޓާލައިފި ކަމަށާއި ދެން ކުރިޔަށް ގެންދާނީ ޔަމަންގެ މައްސަލަ އަށް ސުލްޙަވެރި ޙައްލެއް ހޯދުމުގެ ސިޔާސީ މަސައްކަތްތައް ކަމުގައެވެ. ވައިގެ ޙަމަލާތައް ހުއްޓާލީ އެޙަމަލާތަކުން ޙާސިލް ކުރަންބޭނުންވި ހުރިހާ މަގްސަދްތަކެއް ޙާސިލް ކުރުމަށްފަހުގައި ކަމަށާއި "އުންމީދު ޙާސިލް" ކުރުމުގެ ނަމުގައި ދެން ކުރިޔަށް ގެންދާނީ ޔަމަންގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމުގެ ސިޔާސީ މަސައްކަތްތައް ކަމަށް ވެސް ސައޫދީ ދިފާޢީ ވުޒާރާގެ ބަޔާން ބުނެ އެވެ.

ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތާއި އެ ޖަމާއަތާ ގުޅިފައިވާ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް އަސްކަރީ ގޮތުން ބަލި ކުރުމަށް ކަމަށް ބުނެ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ 26 ގަ އެވެ. ސައޫދީންގެ ޙަމަލާތަކާއި އެ ޙަމަލާތަކާ ގުޅިގެން ޔަމަންގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމައިގާ ތިން ހަފްތާ ތެރޭގައި ނުވަ ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ އެތަށް ލައްކަ ބަޔަކު ވަނީ ޙާލުގައިޖެހިފަ އެވެ. އަދި ޔަމަނުން ކާބޯތަކެއްޗާއި ބޭސް ހުސްވެ ޔަމަންގެ ރައްޔިތުން ވަނީ އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަލާތައް ދިނުމުގެ އިތުރުން ސައޫދީ ސަރުކާރުން ވަނީ އެ ޙަމަލާތަކުގެ ސަބަބުން ޙާލުގައިޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. ން އެދުނު 275 މިލިޔަން އެމެރިކާ ޑޮލަރު ވެސް އެއް ފަހަރާ އދ. އަށް ޖަމާކޮށްދީފަ އެވެ.

ވައިގެ ޙަމަލާތައް ހުއްޓާލުމަށް ސައޫދީ ސަރުކާރުން ނިންމާފައި މި ވަނީ އެ ޙަމަލާތަކުގެ ސަބަބުން މަރުވާ ޔަމަންގެ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ އެ ޙަމަލާތައް ހުއްޓާލުމަށް އދ. އާއި އެ ނޫން ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ހަމަލާތައް ދިގުލައި ޔަމަންގެ ހަނގުރާމައިގާ ސައޫދީ ސިފައިން ބަނދެވިއްޖެނަމަ ސައޫދީންނަށް ލިބިފައިވާ ފައިސާގެ މައްސަނދިކަން ޑްރެއިންވެ ޔަމަންގެ ހަނގުރާމައިގެ ނަތީޖާ ސައޫދީން ލަފާކުރާ ގޮތާ މުޅިން ޚިލާފަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަސްކަރީ ބައެއް ތަޖްރިބާކާރުން ވިދާޅުވެ އެވެ.
ސައޫދީންނާއި ގަލްފުގެ އެހެން ގައުމުތައް އިރާގުގެ ފަހަތުގައި ތިބެގެން ކުރުވި އީރާން އިރާގުގެ އަށް އަހަރުގެ ހަނގުރާމަ ނިމިގެން ދިޔައީ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ މާއްދީ ގެއްލުމުގެ އިތުރުން އެކަމުގެ މަގްސަދު ޙާސިލްނުވެ އިރާގުގެ އިތުރުން ގަލްފުގެ ގައުމުތަކަށް ވެސް ބޮޑު ކާރިސާއަކަށް ވެގެންނެވެ.

ޔަމަންގެ ހޫޘީންނާ ދެކޮޅަށް ދިން ޙަމަލާތައް ހުއްޓާލުމާ ގުޅިގެން ސައޫދީ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔަރ އަޙްމަދުލްއުސައިރީ ވިދާޅުވީ އެއް ގަމުމަގުން ޔަމަނަށް އަރައި ހަނގުރާމަ ކުރުމުގެ ޕްލޭނެއް ސައޫދީންގެ ނެތް ކަމަށާއި ނަމަވެސް ޔަމަނުގެ ހޫޘީންނާ ދެކޮޅަށް އަސްކަރީ ގޮތުން ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިވަޅެއް އަޅަން ސައޫދީ ސަރުކާރުން ފަސް ނުޖެހޭނެ ކަމުގަ އެވެ.

ސައޫދީންގެ ޙަމަލާތައް ހުއްޓާލީ އެ ގައުމުގައި ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ވެސް ސައޫދީ އަސްކަރީ ތަރްޖަމާން ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)