22 Apr 2015, 09:42
އިސްލާމް އާބާދު (އެޕްރީލް 22) : ޕާކިސްތާނުން އިއްޔެ 15 ކުށްވެރިއަކަށް މަރުގެ އަދަބު ދީފި އެވެ. ޕާކިސްތާނުގެ ދާޚިލީ ވުޒާރާ އިން ބުނީ މަރުގެ އަދަބު ދިނީ މަރުގެ ޙުކުމާ ގުޅޭ ޝަރުއީ ހުރިހާ މަރްޙަލާތަކެއް ކަޑައްތުކޮށް މަރުގެ ޙުކުމް މުޅިން ސާބިތުވެފައިވާ 15 ކުށްވެރިއަކަށް ކަމުގަ އެވެ.
މި 15 ކުށްވެރިންގެ ތެރޭގައި ގިނައީ އެކަކަށް ވުރެ ގިނަ މީހުން މަރާފައިވާ މީހުން ކަމަށްވެ އެވެ. މިއެންމެނަށް ވެސް މަރުގެ އަދަބު ދިނީ ދަންޖައްސައިގެންނެވެ. ޕާކިސްތާނުގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާފައިމި ވަނީ އެ ގައުމުގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުން މިދިޔަ ޑިސެމްބަރު މަހު ސްކޫލަކަށް ޙަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް 153 މީހުން މަރާލުމާ ގުޅިގެންނެވެ. ތާލިބާން ހަނގުރާމަވެރިން ޕާކިސްތާނުގެ ސްކޫލަކަށް ވަދެ ކުދިންނާއި ޓީޗަރުންގެ ގަޔަށް އެއްވެސް ރަހުމެއް ނެތި ބަޑިޖަހައިގެން ހިންގި މިގަތްލުއާންމުގައި ގިނައިން މަރާލާފައި ވަނީ ކުޑަކުދިންނެވެ. ދެން އެކުދިންނަށް ކިޔަވައިދޭ ޓީޗަރުންނެވެ. ތާލިބާނުން ހިންގި މިޖަރީމާއަށް ފަހު ޕާކިސްތާން ސަރުކާރުން ވަނީ މީހުން މަރާ ގާތިލުންނަށް ކޯޓުން މަރުގެ ހުކުމް އިއްވައި ޝަރުއީ ހުރިހާ މަރްޙަލާތަކެއް ކަޑައްތުކޮށް ނިމޭ ކުށްވެރިންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފަ އެވެ.
މި ނިންމުމަށް ފަހު މި އަހަރު ތެރޭގައި ތިރީހަށް ވުރެ ގިނަމީހުންގެ މައްޗަށް ވަނީ މަރުގެ ޙުކުމް ތަންފީޒުކޮށްފަ އެވެ. ނަމަވެސް އިއްޔެއަކީ އެއްދުވަހުގެ ތެރޭގައި މިހާގިނަ އަދަދެއްގެ ބަޔެއްގެ މައްޗަށް ޕާކިސްތާނުގައި މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ. (ރޮއިޓާސް)