22 Apr 2015, 09:45
އިރުމަތީ ޔޫރަޕްގެ ގައުމެއްކަމަށްވާ ޗެކްރިޕަބްލިކަށް ދިވެހި ރާއްޖެ އިން އެކްސްޕޯޓްކުރާ ފަރުމަހަށް ހެލްތު ސެޓްފިކެޓް ސޫކުރަން ހެލްތު މިނިސްޓްރީ އިން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީ އިން ގެޒެޓްކޮށްފައިވާ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ގައުމަށް ދިވެހިރާއްޖެ އިން އެކްސްޕޯޓްކުރާ ފަރުމަހުގެ ބާވަތްތަކަށް "ސިގުއަރެޓާ" ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެގައުމުގެ ސްޓޭޓް ވެޓެރިނަރީ އެޑްމިނިސްޓްރޭޝަނުން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖެ އިން ޗެކްރިޕަބްލިކަށް އެކްސްޕޯޓްކުރާ ފަރުމަހުގެ ބާވަތްތަކަށް ހެލްތު ސެޓުފިކެޓް ދޫކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ޗެކްރިޕަބްލިކަށް ފަރުމަސް އެކްސްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ހެލްތު ސެޓުފިކެޓު ދޫކުރުމުގެ އިންތިޒާމު މިއަދުން ފެށިގެން ހެލްތު ސެޓުފިކެޓް ދޫކުރުމުގެ އުސޫލުތަކާ އެއްގޮތަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓުގައި ހުންނަ އެ އޮތޯރިޓީގެ ހެލްތު ސެޓްފިކޭޝަން ޔުނިޓްގައި ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދިވެހިރާއްޖެ އިން ބޭރުކުރާ މަހުގެ ބާވަތްތަކަށް އެއީ އެކްސްޕޯޓް ކުރަން އެންމެ ކަމުދާ އެއްޗެއްކަން އަންގައިދޭ ލިޔުން ދޫކުރާނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ދިވެހި ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.