22 Apr 2015, 01:21
ޔަމަނަށް އަތް ގަދަ ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ޝިއަޢީންގެ ހޫތީ ޖަމާޢަތާ ދެކޮޅަށް ސައުދީ ޢަރަބިއާއިން އިސްވެ ވައިގެމަގުން ދެމުން އައި ހަމަލާތައް ހުއްޓާލުމަށްފަހު އެއްގަމު މަގުން ހަމަލާ ދިނުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އަމުރު ކުރައްވައިފިއެވެ.
ސައުދީގެ ރަސްމީ ޚަބަރު ފަތުރާ އެޖެންސީން ބުނެފައިވަނީ ރަސްގެފާނު ސަލްމާނުގެ ރިޔާސީ ގަނޑުވަރުން އާންމު ކުރައްވާފައިވާ އަމުރުގައި ވިދާޅުވެފައިވަނީ ހަމަލާތައް ވަރުގަދަ ކުރުމަށްޓަކައި ވައިގެމަގުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށްފަހު ސީދާ ޔަމަނާއި ސައުދީ ގުޅިފައިވާ ބޯޑަރުން ވަދެ އެއްގަމު މަގުން ހަމަލާތައް ދިނުމަށެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒު. އެމަނިކުފާން ވަނީ ހޫތީންނާ ދެކޮޅަށް އެއްގަމު މަގުން ހަމަލާ ދެއްވުމަށް އަމުރު ކުރައްވާފައި --- ފޮޓޯ ގާޑިއަން
މިކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުގެ ޓީވީ ޗެނަލެއް ކަމަށްވާ އަރަބިއްޔާ ޓީވީގައި ވާހަކަ ދައްކަވަމުން ސައުދީ ދިފާއީ ވުޒާރާގެ އިސް އޮފިޝަލެއް ވިދާޅުވެފައިވަނީ ކުރިއަށް ދެން އޮތީ ހޫތީންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގެ މުޅިން އެހެން މަރުހަލާއެއް ކަމަށެވެ.
ސައުދީ އަރަބިއާގެ އަސްކަރިއްޔާގެ ޖެނަރަލެއް ކަމުގައިވާ ބްރިގޭޑިއާ އަހްމަދު އަސްރީ ވިދާޅުވެފައިވަނީ، ދޭން ފެނިއްޖެނަމަ ވައިގެ ހަމަލާތައްވެސް އަލުންފަށާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ހޫތީންނާ ދެކޮޅަށް ވައިގެ މަގުން ދޭންފެށި ހަމަލާގެ ތެރެއިން --- ފޮޓޯ/ އާރްޓީ
މާޗްމަހު 25 ވަނަ ދުވަހު ދޭން ފެށި މިހަމަލާތަކަކީ ޔަމަނުގައި އޮތް އެޤައުމުގެ ރައީސް ޢަބްދު ރުއްބުހު މަންސޫރު ޢަބްދުލް ހާދީގެ ސުންނީ ސަރުކާރާ ދެކޮޅަށް ނިކުތް މައިނޯރިޓީ ޝިއައީ ހޫތީ ޖަމާޢަތުގެ ބާރު ކަނޑުވާލުމަށް ސައުދީ ޢަރަބިއްޔާއާ ގުޅިފައިވާ ޢަރަބި ޤައުމުތަކުގެ އަސްކަރީ ގުޅުމުން ދޭން ފެށި ހަމަލާތަކަކެވެ.
ސައުދީ އަރަބިއާގެ ހަމަލާތައް ވައިގެ މަގުން ދިނުން ހުއްޓާލާފައިވަނީ ޔަމަންގެ ގިނަ ޢަދަދެއްގެ އާންމުން އެ ހަމާލާތަކުގައި މަރުވަމުން ދާތީ ހަމަލާތައް ހުއްޓާލުމަށް އދ.އާއި ދުނިޔޭގެ ބައެއް އެހެން ޖަމާއަތްތަކުން ގޮވާލާފައި ވަނިކޮށެވެ.
ސައުދީއާ ގުޅިފައިވާ ކޯލިޝަނުން ބުނަނީ ހޫތީންނަށް އިރާނުން އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާ ކަމަށެވެ. އިރާނުން ބުނަނީ ސައުދީ އިސްވެ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަނީ އެމެރިކާ އެގޮތަށް ބޭނުންވާތީ ކަމަށެވެ.
ހޫތީންގެ ހަމަލާތައް ފެށިފަހުން ޔަމަންގެ ރައީސް މަންސޫރު ހާދީ ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެން ހިމާޔަތް ހޯއްދަވާފައެވެ.

ޔަމަންގެ ރައީސް މަންސޫރު. އެމަނިކުފާން ވަނީ ހޫތީންގެ ހަމަލާތަށް ފެށިފަހުން ސައުދީ އަރަބިއްޔާއަށް ވަޑައިގެން ހިމާޔަތް ހޯއްދަވާފައި --- ފޮޓޯ/ އެމްއީއެމް