އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތަށް ކިރިޔާވެސް ހީނަރުކަމެއް އަތުވެއްޖެނަމަ ޑިމޮކްރެސީ ފުނޑުފުނޑުވެ އަދުލުއިންސާފުގެ ދާއިރާ ބަލިކަށިވެގެން ހިނގައިދާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ އޭސީސީގެ މަސައްކަތަށް ހީނަރުކަން އަތުވެއްޖެނަމަ ޑިމޮކްރެސީ ފުނޑުފުނޑުވެ އަދުލުއިންސާފުގެ ދާއިރާ ބަލިކަށިވެގެންދާނެކަން އެއީ ޔަގީންވާ ކަމެއް ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ދިރިއުޅުމުގައި ކޮރަޕްޝަނަށް ތަންދެވިއްޖެނަމަ، އެކަމަކީ ރާއްޖެފަދަ ކުޑަކުޑަ ގައުމެއްގައި ފަސާދައަށާއި ބައިބައިވުމަށް ދެވޭ ދައުވަތެއް ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ރާއްޖޭގައި ކޮރަޕްޝަން އިތުރުވަމުންދާތީ ބަންޑާރަ ނައިބު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހަމައެކަނި އޭސީސީން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނޫންކަން ފާހަގަކުރައްވައި ބަންޑާރަ ނައިބު ވަނީ ނަޒާހަތްތެރި ބަޔަކަށް ވުމަށް ބެލެނިވެރީންނަށް އިލްތިމާސް ކުރައްވާފައެވެ.

"ތިއިން ކޮންމެ ރައްޔިތަކީ ނަޒާހަތްތެރިކަމުގެ ފުރިހަމަ ސިފަ ލިބިގެންފައިވާ ފަރާތެއްކަމުގައި ތިމާ އަމިއްލައަށް ކަށަވަރު ކުރުމަށް އަޅުގަނޑު ދަންނަވަން. އަދި ތިމާގެ ބެލެނިވެރި ހިޔާޒަތުގައިވާ ފަރާތްތަކަށް ވެސް އެކަން ދަސްކޮށްދިނުމަށާއި އެކަންކަމަށް އިހްތިރާމްކޮށް ލޯބިކުރަން ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނަކީ ވެކްސިނެއް ނެތް ވަބާއެއް ކަމަށާއި އެކަމާ ދެކޮޅަށް ކުރަނީ ނިމުމެއް ނެތް މައުނަވީ ޖިހާދެއް ކަމަށެވެ. މިހާތަނަށް އެ ޖިހާދުގައި އޭސީސީން ދައްކުވައިދީފައިވާ ހިތްވަރަށް އައްސަރިބަހާ ސާބަސް ރައްދުކުރާ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.