21 Apr 2015, 22:06
ބެލީ ޑާންސް ކުރާ މަޝްހޫރު އަންހެނަކު މިސުރުގެ ދިދައަށް އިހާނެތިކޮށް ހިތައިގެން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
މިސުރުގެ އަގޫޒާ ކޯޓުން ސޮފީނާޒު ގޮއިރެން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް 15،000 ޕައުންޑުން ޖޫރިމަނާ ކުރީ، ގަޔަށް ބާރު އަދި މިސުރުގެ ދިދަ ނިސްބަތްވާ، ރަތާއި ހުދާއި ކަޅު ކުލައިގެ ހެދުމެއްގައި އޭނާ ނަށަން ސްޓޭޖު މައްޗަށް އެރުމުން އަދި އަމިއްލަ ފަރާތަކުން ޖެއްސި މައްސަލައަކާ ގުޅިގެންނެވެ.
ްއޭނާ 10،000 ޕައުންޑް ދައްކައި މައާފަށް އެދިފި ނަމަ ހަ މަހުގެ ޖަލު ހުކުމުން އޭނާ ސަލާމަތް ވެދާނެ ކަމަށް ބެލެވެ އެވެ.

މިސުރުގެ ދިދަ ހަފައިގެން ކުއްޖަކު --
މިސުރުގައި ދިދަޔަށް އިހާނެތިކޮށް ހިތުމަކީ ގާނޫނީ ކުށެއް ކަމަށް ގަރާރަކުން ކަނޑައެޅީ ބަޣާވާތަކުން މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލުމަށް ފަހު. މިލިޓަރީގެ ފަރާތުން 2013 ވަނަ އަހަރު ވެރިކަމަށް އިސްކުރުވި އަދުލީ މަންސޫރުގެ ވެރިކަމުގަ އެވެ.
މަންސޫރު ފާސްކުރި ގަރާރު ބުނާ ގޮތުން މިސުރުގެ ދިދަ ވީދުމާއި އަދި ހަލާކުވެފައިވާ ދިދައެއް ވިއްކުމާއި އެފަދަ ދިދައެއް އަދި ކުލަވެއްޓިފައިވާ ދިދައެއް ދަނޑިއަށް ނެގުމަކީ ވެސް ގާނޫނީ ކުށެކެވެ.
އަރުމޭނިއާ އަށް ނިސްބަތްވާ ސޮފީނާޒު އެ ދިދައިން ހަދާފައިވާ ހެދުން ލައިގެން ނެށީ 2013 ވަނަ އަހަރު އެވެ. އޭނާ ބުނީ ޢޭނާ އެ ގޮތަށް ހެދުން އަޅައިގެން ނެށީ ދިދަ އަށް އިހާނެތި ކޮށް ހިތުމުގެ ގަސްދުގައި ނޫން ކަމަށާއި އަދި ބިދޭސީންނަށް މިސުރުގެ ގާނޫނު އެހާ ބޮޑަށް ނޭނގޭ ކަމަށެވެ.
މައުލޫމާތު: މައިލް އޮންލައިން