21 Apr 2015, 22:53
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ބީޖީ ސްޕޯޓްސް ކްލަބް 3-0ގެ ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު، ކުރިއަށް އޮތްތާ ބީޖީ ފެންނާނީ އަދި މިހާރަށްވުރެވެސް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ބީޖީގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
މިއަދުގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާޒް ބުނީ މިއަދުގެ މެޗުގައި އެ ޓީމް ހާސިލް ކުރަން ބޭނުންވި ޓާގެޓް ހާސިލް ކުރެވުނު ނަމަވެސް، ކުޅުމުގައި މިސްޓޭކްސް ތަކެއް އަދިވެސް ހުރިކަން ފާހަގަ ވެފައި ވާކަމަށެވެ.
"ބޭނުންވީ، މިއީ ފަށާ މެޗު ވީމަ، މި މެޗުން ތިން ޕޮއިންޓް ހޯދަން. އެކަން ވީމަ ވަރަށް ރަނގަޅު. ނަމަވެސް މެޗުގައި ޓީމަށް މިސްޓޭކްސް ތަކެއް ހެދިފައި ވާކަން ފާހަގަވި،" ޝާޒް ބުންޏެވެ. "ނަމަވެސް ކުރިއަށް އޮތްތާ އަދި ރަނގަޅު ވާނެ. ކުރިއަށް އޮތްތާ ބީޖީ ފެންނާނީ މިއަށްވުރެ މާ ވަރުގަދަކޮށް."
މިއަދުގެ މެޗުގެ ފުރަތަމަ 15 މިނެޓުތެރޭ ބީޖީ ލީޑު ހޯދި ނަމަވެސް، ފުރަތަމަ ހާފްގެ ފަހުކޮޅު މަހިބަދޫގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބޮޑުބައި އެ ޓީމް 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނުއިރު، ބީޖީއަށް ލީޑު އިތުރަށް ފުޅާ ކޮށްލެވިފައި ވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ.
މަހިބަދޫ 10 ކުޅުންތެރިންނަށް ދަށް ވެފައި ވުމުން ބީޖީއަށް ލިބުނު އެޑްވާންޓޭޖުގެ ބޭނުން އެންމެ ރަނގަޅަށް ހިފުނު ކަމަށް ގަބޫލް ކުރެވޭތޯ ސުވާލު ކުރުމުން، ޝާޒް ބުނީ ބީޖީއަށް ލީޑު ފުޅާކޮށްލަން އެހާ ދަތިވެގެން ދިޔައީ، މަހިބަދޫ އަކީ ގިނަ ދުވަސްތަކެއް ވަންދެން އެކީ ކުޅެފައި ތިބި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށް ވުމުންނެވެ.
"މަހިބަދޫ އަކީ އެކުގައި ވަރަށް ގިނަ ދުވަހު ކުޅެފައި އޮތް ޓީމެއް. އެހެންކަމުން ކުޅުންތެރިއަކު މަދުވުން އެއީ އެ ޓީމަށް މާ ބޮޑު މައްސަލައަކަށް ނުވާނެ. ވަކިން ހާއްސަކޮށް އެ ޓީމުގެ ކުޅުންތެރިއެއް މަދުވުމުން އެ ޓީމް ވަނީ އިތުރު ހިތްވަރެއް ލާފައި، އެއީ ބީޖީއަށް ވަރަށް އުންދަގޫ ވެގެން ދިޔަ ކަމެއް،" ޝާޒް ބުންޏެވެ.
"މެޗުގެ ކުރިންވެސް މަހިބަދޫ ފުދޭވަރަކަށް ވަރުގަދަކޮށް ކުޅޭނެކަން އިނގޭ."
އޭގެ އިތުރުން ބީޖީއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އެކީގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައި ތިބި ކުޅުންތެރިން ޓީމުގައި ނެތުންކަމަށް ޝާޒް ވަނީ ބުނެފައެވެ. އަދި މިއީ އެ ޓީމްގެ ފުރަތަމަ މެޗަށް ވުމުންވެސް ދަތިތަކެއް ހުރިކަމަށާއި، ނަމަވެސް ފުރަތަމަ މެޗާ އަޅައިބަލާއިރު، ކުޅުންތެރިންގެ ފަރާތުން މިސްޓޭކެކޭ ބުނާވަރުގެ މިސްޓޭކެއް ފެނިފައި ނުވާކަމަށްވެސް ޝާޒް ބުންޏެވެ.