މާލެއިން ސިމެންތި ބަރުކޮށްގެން އދ. މަހިބަދޫއަށް ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ދޯނީގެ ވެރިފަރާތުން ބުނެފި އެވެ.

ރޭ މެންދަމު 12:00 ޖަހާ އެހާކަންހާއިރު މާލެއިން 1500 ކޮތަޅުގެ ސިމެންތި ބަރުކޮށްގެން، ފަސް މީހުންނާ އެކު މަހިބަދު އަށް ދަތުރުކުރި "ފެހިވިލާ" ދޯނި މަހިބަދޫ ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 8:00 ޖަހާ އެހާކަން ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި އަދި ދޯނީގައިވާ މުދަލަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފެހިވިލާ ދޯނީގެ ވެރިފަރާތް އަދި އދ. މާމިގިލީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އިބްރާހިމް ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ ދޯނި މަހިބަދޫ ފަރަށް އަރަން މެދުވެރިވީ އެ ސަރަހައްދުގެ އޮއި ހުރިގޮތުން ދޯނި ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. ދޯނި ފަރަށްއެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ދޯނީގެ ފަށަން ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"މުދަލާ އެކު ދޯނި ދަތުރު ކުރަމުންދަނިކޮށް ފަރަން އެރުމުން ބޮޑެތި ގެއްލުންތަކެއް ދޯންޏަށް ލިބިފައިވޭ. ދޯނީގެ ފަށަނުގެ ދަށްބުޑާއި ބައެއް ތަންތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ފަޅުވެރިން މައުލޫމާތުދެނީ."

މަހުމޫދު ބުނީ ދޯންޏަށް މިހާތަނަށް ލިބިފައިވާ ގެއްލުންތަކުގެ އަންދާޒާ ގާތްގަނޑަށް 400000ރ. އަށް ވުރެ މަތިވާނެ ކަމަށެވެ. އަދި އެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަހުމޫދު ބުންޏެވެ.

ފެހިވިލާ ދޯނި މިއަދު ހެނދުނު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފާއި މާމިގިލީގެ ދޯންޏެއްގެ އެހީގައި މިއަދު މެންދުރު ފަހު ދޯނި ފުންކުރެވިފައިވާ ކަމަށް މަހުމޫދު ބުންޏެވެ އެވެ. އަދި ދޯނީގައިވާ ސިމެންތި ކޮތަޅުތަކާއި މުދާ މަހިބަދު އަށް ބޭލުމަށް ފަހު ދޯނި މަރާމާތު ކުރުމަށްޓަކައި ތިލަފުއްޓަށް ވަރަށް އަވަހަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.