21 Apr 2015, 20:23
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ބީޖީ ސްޕޯޓްސް ކްލަބް އަތުން 3-0 ގެ ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިވެފައިވާއިރު، އެންމެ މެޗަކުން ބަލިވުމަކީ އަދި ގެއްލުމެއް ނޫން ކަމަށް މަހިބަދޫ ސްޕޯޓްސް ކްލަބުގެ ކޯޗް އިވަނޮވް ސްޓޮއިކޮފް ބުނެފިއެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްޓޮއިކޮފް ބުނީ ފުޓްބޯޅައަކީ އެފަދަ އެއްޗެއް ކަމަށާއި، ކުރިއަށް އޮތްތާނގައި މަހިބަދޫ ސްޕޯޓްސް ރަނގަޅުކޮށް، އެ ޓީމް ހާސިލް ކުރަން ބޭނުންވާ ޓާގެޓް ހާސިލް ކުރުމުގެ ފުރުސަތު އަދިވެސް ޓީމަށް އޮތް ކަމަށެވެ.
"އެންމެ ގޭމަކުން ބަލިވުން އެއީ އަދި ކަމެއް ނޫން. ފުޓްބޯޅައަކީ މިފަދަ އެއްޗެއް، މި ކުޅިވަރުގެ ހަގީގަތަކީ މިއީ. ޓީމް ރަނގަޅު ކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން އަދިވެސް އެބަހުރި، ޓީމް އަދިވެސް އިތުރަށް ވަރުގަދަ ކުރެވޭނެ. އަހަރެން ދެކޭ ގޮތުގައި މި ކްލަބުގެ ޓާގެޓް އަހަރުމެނަށް އަދި ހާސިލް ކުރެވިދާނެ،" ސްޓޮއިކޮފް ބުންޏެވެ.
މިއަދުގެ މެޗުގައި ބީޖީ ފުރަތަމަ ލީޑު ހޯދީ ފުރަތަމަ ހާފްގެ 15 ވަނަ މިނެޓުގައެވެ. އަދި ހާފް ނިމެން ކައިރިވެފައި ވަނިކޮށް، މަހިބަދޫގެ ބިދޭސީ ކުޅުންތެރިޔާ ޖެކްސަން ސަނީއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން، އެ ޓީމް މެޗުގެ ބާކީބައި ކުޅެފައި ވަނީ 10 ކުޅުންތެރިންނާ އެކީ އެވެ.
ބީޖީ އެ ޓީމްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފްގެ ފަހު ކޮޅު އެވެ. މެޗުގެ އޮއިވަރު ދިޔަ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސްޓޮއިކޮފް ބުނީ ޖެކްސަން ހޯދި ރަތް ކާޑަކީ ބޭކާރު ރަތް ކާޑެއް ކަމަށާއި، ބީޖީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރުމުން، އެހިސާބުން "ގޭމް އޯވަރ" ވެފައި ވާކަމަށެވެ.
"3-0 ކުން ބަލިވުމުން މި މެޗުގައި ޓީމް ދެއްކީ ރަނގަޅު ކުޅުމެކޭ އަހަންނަކަށް ނުބުނެވޭނެ. ފުރަތަމަ ހާފް ނިމުނުއިރު ކޮޅެއްގައި 11 ކުޅުންތެރިން ތިބި ނަމަ ނަތީޖާ ބަދަލުކޮށްލެވުނީސް. ޖެކްސަން ހޯދި ރަތް ކާޑަކީ ބޭކާރު ގޮތުގައި ހޯދި ކާޑެއް. ނަމަވެސް ދެވަނަ ހާފްގައިވެސް ޓީމަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި އެ ފުރުސަތުތަކުގެ ބޭނުން ނުހިހިފައި،" ސްޓޮއިކޮފް ބުންޏެވެ.
"ޓީމަށް ބަލާއިރު، ހުރިހާ ހިސާބަކުވެސް މައްސަލަ އެބައުޅޭ. ރަނގަޅު ޓީމަކަށް ވާނީ އެޓޭކިން ވެސް، ޑިފެންސް ވެސް ބެލެންސް ވެގެން. މި މެޗުގައި މައިގަނޑު ބަލިފަޔަކަށް ފެނުނީ ޑިފެންސް. އެހިސާބުން ދެ ތިން ހަތަރު ބޭކާރު މިސްޓޭކެއް އެމީހުން ހެދި."
ޖެކްސަންގެ ރަތް ކާޑާ މެދު ސްޓޮއިކޮފް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައި ވީނަމަވެސް، އޭނާ ވަނީ ޓީމަކީ އަދި ލީގަށް އާ ޓީމެއްކަން ފާހަގަކޮށް، ޓީމުގެ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިނަށް އަދި އިތުރަށް ކުޅުން ރަނގަޅު ކުރެވޭނެ ޖާގަ އޮތް ކަމަށް ބުނެފައެވެ.